ހިޔާލު ތަފާތުވާ އެއްވެސް ފަރާތަކާ މެދު ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެދިވަޑައިގެންފި އެވެ.

ޑީއާރުޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ތަސްމީން ވިދާޅުވެފައިވަނީ ފާއިތުވި ދެތިން ހަފްތާ ތެރޭގައި އޭރު ރާއްޖޭގައި އޮތް ސަރުކާރު ގާނޫނީ އަސާސީގެ އިމުގެ ތެރެއަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތް މިއަދު ކާމިޔާބުވެފައިވާ ކަމަށާއި މިފަދަ ދަޑިވަޅެއްގައި އެންމެ އިސްވާޖިބަކަށް ވާންޖެހޭނީ އެމަސައްކަތުގެ މަގުސަދު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން އަމަލާއި މަގުސަދު ބެހެއްޓުން ކަމަށެވެ.

" މިދަޑިވަޅަކީ ބަދަލުހިފުމާއި ބައިބައިވުމުގެ ވަގުތެއް ކަމުގައި ނުހެދުމަކީ ވަރަށް މުހިއްމު ކަމެއް. މިވަގުތަކީ އެއްބައިވަންތަކަމުގެ ވަގުތެއް. މިއީ ރާއްޖޭގެ އެންމެހާ ރައްޔިތުން އަލުން އެކުވެރިވެ އެއް ދިމާލަކަށް މަސައްކަތް ކުރަންވީ ވަގުތު،" ތަސްމީންގެ ބަޔާނުގައިވެ އެވެ.

ތަސްމީން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަމަލުތައް ވެސް މާތްވެގެންވާ އިސްލާމްދީނުގައި ވާގޮތުގެ މަތިން ރާއްޖޭގައި ސުލްހަ މަސަލަސްކަން ދެމިއޮންނާނެ ގޮތަކަށް ގައުމަށް ވަފާތެރި ކަންމަތީ ކަންތައްތައް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.