12 Apr 2021, 12:45
ތެހެރާން (އެޕްރީލް 12) : ބޮޑުބައި ފަރުބަދަ ތަކެއްގެ އަޑީގައި ހުންނަ އީރާނުގެ ނިއުކްލިޔާ މަރުކަޒެއްކަމަށްވާ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައިގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަރަންޓް ކެނޑުމުގެ ޙާދިސާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށާއި އެއީ އިސްރާއީލުން ހިންގި "ނިއުކްލިޔާ ޓެރަރިޒަމް"ގެ އަމަލެއްކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ އެޓަމިކް އެނަރޖީ އެޖެންސީ ވެރިޔާ ޑރ. ޢަލީ އަކްބަރް ޞާލިޙީ ވިދާޅުވީ ކަރަންޓް ކެނޑުނީ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައިގައި ކަމަށާއި ކުރިން ލަފާކުރެވުނީ "އެއީ އެތަނުގެ ކަރަންޓް ނެޓްވާކުގެ ފޯލްޓަކުން ދިމާވި މައްސަލައެއް" ކަމުގަ އެވެ. ނަމަވެސް "ފުންކޮށް ތަހްގީގް ކުރުމުން އެއީ ކޮންޕިޓަރައިޒް ކޮށްފައިވާ އެތަނުގެ ކަރަންޓް ވިއުގައަށް ކުރިމަތިވި ސައިބާ އެޓޭކަކާ ގުޅިގެން ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށާއި މިއީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ ޒަޔަނިސްޓް އެންޓިޓީ (އިސްރާއީލު) ން ހިންގި "ނިއުކްލިޔާ ޓެރަރިޒަމް"ގެ އަމަލެއްކަމަށް ބެލެވޭކަމަށް" ސާލިޙީ ވިދާޅުވި އެވެ.
މިހާދިސާ ހިނގާފައި މިވަނީ ނަތަންޒް ނިއުކުލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ މަރުކަޒުގައި، ކުރިޔަށްގެންދާ ޔުރޭނިމް ފައްކާކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެކަމަށް ބޭނުންކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންގެ ޒަމާނީ މެޝިންތަކެއް ބަހައްޓައިގެން އެމަސައްކަތް ފެށިތާ އެއްދުވަސް ފަހުންނެވެ. އިސްރާއީލުން މިކަންކުރިގޮތާއި ސަބާ އެޓޭކް ދިނުމަށް ބޭނުންކުރި ސޮފްޓްވެއާ މިހާރު ދެނެގަނެވިއްޖެ ކަމަށާ މީގެރައްދު އިސްރާއީލަށް ވޭންދެނިވި ގޮތެއްގައި ދޭނެކަމަށް ވެސް ސާލިޙީ ވިދާޅުވި އެވެ.

ފަރުބަދަ ތަކެއްގެ އަޑީގައި ބޮޑުބައި ހުންނަ އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒު
އިސްރާއީލުގެ ރަސްމީ ރޭޑިޔޯއިން ވަނީ އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް ސައިބާ ހަމަލާ ދީފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މުސާދު" އިންކަމަށް ސީދާގޮތެއްގައި ބުނެ އެކަމަށް ފަޚުރުވެރިވެ ވާހަކަ ދައްކައިފަ އެވެ. ސައިބާ ޙަމަލާގެ ސަބަބުން އީރާނުގެ ނިއުކްލިޔާ މަރުކަޒުގެ އޮޓޮމޭޝަން ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި ނަތީޖާ އެއްގެ ގޮތުން އެތަނުގެ ހަރަކާތްތަކަށް ބޮޑު ބުރުލެއް އަރާފައިވާ ކަމަށް އިސްރާއީލުގެ ރޭޑިއޯ ބުނެ އެވެ. ނަމަވެސް އީރާނުން ވަނީ އެކަމުގެ ސަބަބުން ނިއުކްލިޔާ ހަރަކާތްތައް ހުއްޓޭވަރުގެ ގެއްލުމެއް ނުލިބޭ ކަން ކަށަވަރުކޮށްދީފަ އެވެ.
އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރާއިރު އިސްރާއީލު ކަންބޮޑުވަނީ އެދާއިރާގައި އިސްރާއީލާ ފައިހަމަ ކޮށްލެވޭ ފެންވަރަށް އީރާނަށް ހިނގައިދާނެތީ އެވެ. ނިއުކްލިޔާ ޓެކްނޮލޮޖީ މެދުއިރުމަތީގައި މޮނޮޕޮލީކޮށްގެން ގައުމުތަކަށް ބިރު ދެއްކޭ ހާލަތުގައި އަބަދުވެސް އޮންނަން އިސްރާއީލު ބޭނުންވެއެވެ. މިކަމުގައި އިސްރާއީލަށް އެއްބާރުލުން ދޭ މައިގަނޑު ގައުމަކީ އެމެރިކާ އެވެ.
އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދައިފި ނަމަ މެދުއިރުމަތީގައި އޮންނަ ހަމައެކަނި ނިއުކްލިޔާ ބަރުގެ މަގާމު އިސްރާއީލަށް ގެއްލޭނެއެވެ. އަދި އިސްރާއީލު ބޭނުންއިރަކު އީރާނަށާއި ސަރަހައްދުގެ ގައުމުތަކަށް ބިރުދެއްކުމުގެ ފުރުސަތާއި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތައް ދާއީމީ ގޮތަކަށް އިސްތިއްމާރު ކޮށްގެންއުޅޭ އުޅުންވެސް އީރާންފަދަ އިސްރާއީލާ ދުޝްމަން ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފައްދައިފިނަމަ ނިމުމަކަށް ގެންނަންޖެހޭނެ ކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ.
މިހާރު ވެސް މުޅި ސަރަހައްދުގައި ތުރުކީ ފިޔަވައި އިސްރާއީލަށް އިސްކަރީގޮތުން ރައްދު ދެވޭވަރުގެ ގައުމަކަށް އޮތީ އީރާނެވެ. އެކަން ނިމުކަމަށް ގެނަސް އިރާގާއި ލީބިޔާފަދަ ގައުމުތަށް އަސްކަރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ބަލިކަށިވެގެންދިޔަގޮތަށް އީރާންވެސް ބަލިކަށިކޮށްލަން އިސްރާއީލު ބޭނުންވެއެވެ. ނަތަންޒް ނިއުކްލިޔާ މަރުކަޒަށް އިސްރާއީލުން ސައިބާ ހަމަލާއެއްދިނީ އީރާނަށް ސީދާ ގޮތެއްގައި ވައިގެމަގުން ހަމަލާދޭން އިސްރާއީލަށް ނުކެރޭތީ ކަމަށާއި އިސްރާއީލަކީ ފިނޑި ގައުމެއްކަމަށް އީރާނުގެ އެޓަމިކް އެނަރޖީ އެޖެންސީ ވެރިޔާ ޢަލީ އަކްބަރް ޞާލިޙީ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް އިސްރާއީލުން ސީދާގޮތެއްގައި ހަމަލާއެއް ދީފިނަމަ އިސްރާއީލުގައި ހުންނަ އެންމެ ބޮޑު ނިއުކްލިޔާ މަރުކަޒު ކަމަށްވާ "ދައިމޫނާ" ނިއުކްލިޔާ މަރުކަޒަށް ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އިންނާއި ކްރޫޒް މިސައިލުން ހަމަލާދީ އެތަން ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު މީގެކުރިން އީރާނުންވަނީ ދީފަ އެވެ. ނަވާރސަަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ބިނާކުރި "ދައިމޫނާ" ނިއުކްލިޔާ މަރުކަޒަކީ ވަރަށް ބައު ތަނެކެވެ. އެތަނަށް ހަމަލާއެއްދީންގެން ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވެއްޖެ ނަމަ އިސްރާއީލުގެ ގިނަބައަކު މަރުވެދާނެކަމުގެ ބިރު އެގައުމުން އިހްސާސް ކުރެއެވެ.
އިސްރާއީލުގެ ކޮންމެ ތަނަކަށް ހަމަލާދެވޭވަރުގެ ދުރުރާސްތާގެ މިސައިލް އީރާނުން އުފައްދަ އެވެ. އިސްރާއީލަށް އެމެރިކާގެ ޒަމާނީ ހަތިޔާރު ލިބިފައިވީ ނަމަވެސް ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދޭ އާދައިގެ ރޮކެޓް ޙަމަލާތައް ވެސް އިސްރާއީލަށް މައިތިރި ނުކުރެވެއެވެ. ދާދިފަހުން ރަތްކަނޑުން ދަތުރުކުރި އީރާނުގެ އާގު ބޯޓަކަށް ވެސް ކަނޑުގެ މައިނެއް ބޭނުންކޮށްގެން ހަމަލާއެއް ދިނީވެސް އިސްރާއީލުން ކަމަށްވަނީ ބެލެވިފަ އެވެ. އިސްރާއީލު ވަނީ އެކަމަށް ނުސީދާ ގޮތެއްގައި އިއުތިރާފްވެސް ވެފަ އެވެ.
އިސްރާއީލުން މިފަދަ ކުދިއަނިޔާތައް އީރާނާ ދެކޮޅަށް ދެނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާ ބެހޭ ގޮތުން އެމެރިކާއާއި އީރާނާދެމެދު ކުރިޔަށްދާ ޑިޕްލޮމެޓިކް ހަރަކާތްތައް ޚަރާބުކޮށްލުމުގެ ބޭނުމުގައި ކަމަށް މުހައްލިލުން ދެކެ އެވެ. އިސްރާއީލުން މިފަދަ ޙަމަލާތައް ދެނީ އޭގެ ރައްދުގައި އީރާނުން އިސްރާއީލަށް ސީދާ ހަމަލާތަކެއް ދޭނެކަމުގެ އުންމީދުގައި ކަމަށާއި އީރާނުން ރައްދުދީފި ނަމަ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާ ބެހޭ ގޮތުން މިހާރު ކުރިޔަށްދާ ޑިޕްލޮމެޓިކް ހަރަކާތްތައް މުޅިން ޚަރާބުވެގެންދާނެ ކަމަށް އިސްރާއީލު ދެކެއެވެ. ނަމަވެސް އީރާނުންވަނީ އިސްރާއީލުގެ އުދުވާނަށް ސީދާ ގޮތެއްގައި ރައްދު ނުދޭނެކަމަށާ ރައްދުދޭނީ ނުސީދާގޮތެއްގައި ކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)