ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެކޮޅު މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިގެން ގައުމީ ދިފާއީ ބާރުން އެތަކެތި ފުލުހުންނާ ހަވާލުކޮށްފި އެވެ. ފުލުހުން ވެސް ވަނީ އެކަން ސަން އަށް ވެސް ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މުލިއާގެއިން ފެނުނު ބަނގުރާ ފުޅިތައް ގައުމީ ދިފާއީ ބާރުން އަތުލައިގަތީ ރައީސް ނަޝީދު ގެންގުޅުއްވި އެއްޗެހިތަކުގެ ތެރެއިން ކުނީގެ ގޮތުގައި ބޭރުކުރި ތަކެތީގެ ތެރެއިނެވެ. ކުނީގެ ގޮތުގައި ދެ ދަބަހަކަށްލާފައިވާ ބަނގުރާ ފުޅިތަކުގެ ތެރޭގައި ބޭނުންނުކޮށް، ނުކަނޑާ ހުރި ފުޅިތަކެއް ވެސް ފެނިފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފެނިފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ބެހޭ ތަފްސީލް މައުލޫމާތު ފަހުން މީޑިއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަތުލައިގަތް ހަބަރު ފެތުރެން ފެށުމާ އެކު، އާންމުންގެ ގިނަ ބަޔަކު ވަނީ މުލިއާގެ ކައިރިއަށް އެއްވެފަ އެވެ. މީގެ ގަޑިއެއްހާ އިރު ކުރިން ފެތުރެން ފެށި ހަބަރާ އެކު އަދި ވެސް ގިނަ އަދަދެއްގެ ބަޔަކު މުލިއާގެ ކައިރީގައި އެބަތިއްބެވި އެވެ.

މުލިއާގެއިން މިއަދު ބަނގުރާފުޅިތަކެއް ފެނިފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހުގެ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަގެ ދަނބިދަރިފުޅު އަދި ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) ގެ ގެއިން ވަނީ ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ފުޅިތަކެއް އަތުލައިގެންފަ އެވެ.