11 Apr 2021, 20:56
ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ އަންނަ އަންގާރަ ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން އިއުލާނުކޮށްފި އެވެ.
ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން ކަށަވަރުވާ ކަަމަށެވެ.
އެހެންކަމުން، މާދަމާއަކީ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމަށާއި، އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13ވާ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރޯދަ ހިފުމަށް ފަރުވާތެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ.