07 Feb 2012, 15:23
ރައީސް ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ރެއަކަށް ވުރެ ރެއެއް ބާރުބޮޑުވަމުން ގޮސް އަދި ރޭ އާޓިފޝަލް ބީޗުގައި އެމްޑީޕީ މީހުންނާއި އިދިކޮޅު ފަރާތްތައް އެއް މައިދާނެއްގައި މުޒާހަރާ ކުރަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުންނަށް އެންގެމުން އެ މައްސަލާގައި ފުލުހުންނާއި ސިފައިންގެ ކުރިމަތިލުންތަކެއް ހިނގުމަށް ފަހު، ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ އިސްތިއުފާ އަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު މިއަދު އިސްތިއުފާދެއްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލުކުރެއްވިގެން ކަމަށެވެ.
އަދި ވިދާޅުވީ ވެރިކަން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖެ އަށް ބޭރުގެ ނުފޫޒު ފޯރަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،" އަސްކަރިއްޔާގެ ބާރުގެ ދަށުގައި ރައީސް އޮފީހަށް ގެނައުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަދި ވިދާޅުވީ އިތުރަށް ވެރިކަން ދަމަހައްޓަވަން އުޅުއްވި ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަން ޖެހި ރައްޔިތުންނަށް ގެއްލުން ވާނެ ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވި ތިން އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބަޔާން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރަސީގެ ހަމަތައް އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ދައުލަތުގެ ދިފާއީ ބާރުން ހައްޔަރުކޮށް ގިރިފުށީގައި ބަންދު ކުރުމާ ގުޅިގެންނެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=ZYa5w71oN6Y