ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި، އެ ރަށު ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ)އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރީ ސިޔާސީ ގޮތުން ކަމަށް އޭނާ ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިއްޔެ ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރި މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އޭނާއާ އެކު ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ މުހައްމަދު ރިޒާންގެ މައްޗަށް 85 ވޯޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި މުހައްމަދު އަހުމަދު މިފަހަރުވެސް އެމަގާމަށް ހޮވުނުއިރު އޭނާ އޮތީ ދައުލަތުން ކޮށްފައިވާ ތިން ދައުވާއެއްގެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މުހައްމަދު އަހުމަދަށް އެ ތުހުމަތު ކުރެވުނީ ކައުންސިލަށް ވާދަ ކުރައްވަން ޓިކެޓު ލިބިފައި ކެމްޕެއިންވެސް ކުރަމުން ދަނިކޮށް ކަމަށެވެ.

އޭނާއަށް އެ ތުހުމަތު ކުރީ، އޭނާ ގައްދޫގެ ގޮނޑި ކާމިޔާބުކޮށްފާނެތީ ސިޔާސީ ގޮތުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޭރުވެސް މައުލޫމާތު ލިބެމުން ދިޔައީ އެ ގޮނޑި އެ ބޭފުޅާ ކާމިޔާބުކޮށްފާނެތީ ބަޔަކު ރާވައިގެން ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެން ދިޔައީ،" އަދުރޭ ވިދާޅުވި އެވެ.

މިހާރު އޭނާ ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ ނަމަވެސް އެ މައްސަލަ ނުނިމޭކަން އަދުރޭ ފާހަގަކުރެއްވި އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވި އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ދައުވާ ކުރީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް 2015 ވަނަ އަހަރު އުފުލި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގަ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭ އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައި ނުވެ އެވެ.

މުހައްމަދު އަހުމަދު ގައްދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވީ 737 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ރިޝާންއަށް ލިބިވަޑައިގަތީ 652 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.