11 Apr 2021, 16:58
އެމްޑީޕީން ހަދާފައިވާ ލާމަރުކަޒީ ހާއްޔަށް އިދިކޮޅު ޕީޕީއެމް އިން ބިސް އަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ހާލި ވައްޓާލަން ނުޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމަން އއ. ރަސްދޫ ފަޅުތެރޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހާއްޔަށް ޕީޕީއެމް އަށް ބިސް ނޭޅޭނެ ކަމަށެވެ.
"ކޮވެލީގެ ޒާތެއް އެއީ ކާޅުގެ ހާއްޔަށް ބިސް އެޅުން. ނޫން. މިއީ އެމްޑީޕީގެ ހާއްޔެއް. މި ހާއްޔަކަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި، ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ވަނީ މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލިފަ އެވެ.
"ކޮވެއްޔަށް ވީގޮތް ވެ ނިމިފަ މިއޮތީ. ހާލި ހެދީ އަޅުގަނޑުމެން. ކާޅު. ދެން ޕީޕީއެމް އިން އައިސް އެތަނަށް ބިސް އަޅާފަ މި އޮތީ. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީކީ އަޅުގަނޑުމެން ބުޅާ ހެދިފަ ހާލި ވައްޓާލަން ދުއްވައިގަންނަންވީ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބާ ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެއްލުން ދިނުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް އާއި މުއިއްޒު ނިކަމެތި ކޮށްލެވުނަސް، އޭގެ ހަގީގީ ގެއްލުން ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ހިދުމަތްތައް ލިބުން ކަމަށާއި އެ ހިދުމަތް ދޭން ތިބޭ މީހުން ނޫން ކަމަށެވެ.
"އަޅުގަނޑަށް ހަގީގަތުގައި މާބޮޑު ތަފާތެއް ނުވެސް ނެތް. ކޮންމެ ބޭފުޅަކު އެތާ ހުންނެވި ކަމަށް ވިޔަސް ވެސް، އަޅުގަނޑުމެން އެދެނީ ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ވުން. އަދި ރައްޔިތުންގެ ހާލަތާ އާމްދަނީ ރަނގަޅުވުން. އަޅުގަނޑު ދެކެނީ މި ނިޒާމު ވަރުގަދައަށް ހިންގައިފި ނަމަ އެކަން އެހެން ވާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ރާއްޖޭގެ ރައްޔިތުންނަށް މި ނިޒާމު މެދުވެރިކޮށް ތަރައްގީ ހޯދޭނެ ގޮތްތައް ހޯދައިދޭން ޖެހޭނެ ކަމަށެވެ.
"މުއިއްޒު އެކަން ކުރެއްވި ނަމަވެސް. އަދި އެހެން ބޭފުޅަކު އެކަން ކުރެއްވި ނަމަވެސް، އެކަން އަޅުގަނޑު ދެކޭގޮތުގައި ހިނގަން ޖެހޭނެ. އެކެން ހިންގުމަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބެން ޖެހޭނެ. ހުރަހެއް އައިސްގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ މުއިއްޒަކީ ވަރަށް ގާބިލު، ކުޅަދާނަ ބޭފުޅެއް ކަމަށް މިއަދު ވިދާޅުވެފަ އެވެ.