ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލައި ހައްޔަރުކޮށްފައިވާ ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) އެ ރަށު ކައުންސިލް ރައީސްކަމަށް ވާދަކޮށް އެ މަގާމު ކާމިޔާބުކޮށްފި އެވެ.

އިއްޔެ ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރި މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އޭނާއާ އެކު ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ މުހައްމަދު ރިޟާން ގެ މައްޗަށް 85 ވޯޓުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

މުހައްމަދު އަހުމަދު ގައްދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވީ 737 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ރިޝާންއަށް ލިބިވަޑައިގަތީ 652 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

މީގެ ކުރިންވެސް ގައްދޫ ކައުންސިލް ރައީސްކަން ކުރި މުހައްމަދު އަހުމަދު މިފަހަރުވެސް އެމަގާމަށް ހޮވުނުއިރު އަދިވެސް އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އޮތީ އުފުލާފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން އޭނާ އޮތީ ފުލުހުންގެ ހައްޔަރުގަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ތުހުމަތު ކުރެވެނީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުންނެވި އިރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ތެރޭ މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް 2015 ވަނަ އަހަރު އުފުލި ދައުވާގެ މައްސަލަ އަދިވެސް އޮތީ ގައްދޫ މެޖިސްޓްރޭޓު ކޯޓުގަ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭ އޭނާގެ މައްޗަށް އުފުލި ދެން ހުރި ދައުވާތަކުގެ ޝަރީއަތް އަދި ފަށާފައި ނުވާ ކަމަށް ވެއެވެ.

މި ދައުވާތަކަކީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަހުމަދު ގައްދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލިއިރުވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކެކެވެ.

މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މުހައްމަދު އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައި ނުވާތީވެ، އޭނާއަށް ވަނީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބިފަ އެވެ.

ސީރިއަސް މައްސަލަތަކެއްގައި ދައުވާ ކޮށްފައި ވަނިކޮށް ޕީޕީއެމްއިން ވަނީ އެ މައްސަލަތައް ބަލައި، ޕާޓީގެ ފަރާތުން މުހައްމަދު އަހުމަދަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް މީގެ ކުރިން ބުނެފަ އެވެ.