11 Apr 2021, 11:05
އެމްޑީޕީގެ އެތެރެ ބަލިކަށިވުމަކީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގްރޭޓާ މާލެ ސަރަހައްދުން އެ ޕާޓީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ވަނީ މާލެ ސިޓީގެ މޭޔަރުކަމާ އެކު، މާލޭގެ ސާފު އަޣުލަބިއްޔަތު ނަގައިފަ އެވެ.
ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެގެ އިންތިހާބީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް ލިބުނު ފުރިހަމަ ކާމިޔާބެއް ކަމަށެވެ. ނަމަވެސް ގްރޭޓާ މާލެ ސަރަހައްދުން އެމްޑީޕީއަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް މާލެ ކާމިޔާބު ނުވީ ކޮވިޑްގެ ފިޔަވަޅުތަކާއި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުމާ، ކުރެވޭ ބޮޑެތި އުންމީދުތަކުގެ އިތުރުން ޕާޓީގެ "އެތެރޭގައި ހުރި ރެނދުތަކުގެ" ސަބަބުން ކަމަށެވެ.
ނަމަވެސް މި އިންތިހާބުން ފިލާވަޅު ލިބި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ކަންކަން ހަރުދަނާ ކުރާނެ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން، މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑި ޕީޕީޢެމް އިން ވަނީ ހޯދައިފަ އެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.