އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އަންދާޒާ ކުރި ވަރަށް ވުރެ އިތުރުވެއްޖެ އެވެ.

އިއްޔެ ހެނދުނު ވޯޓުލުން ފެށިއިރު ވޯޓުލާން ނިކުމެފައި ވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވެސް ހެނދުނު ވިދާޅުވީ އަންދާޒާ ކުރެވެނީ ވޯޓު ލާން ނިކުންނާނީ 38 - 40 ޕަސެންޓު މީހުން ކަމަށެވެ.

ނަމަވެސް މެންދުރު ފަހު ގިނަ ބަޔަކު ވޯޯޓުލާން ވަނީ ނިކުމެފަ އެވެ.

އިއްޔެ ހަވީރު އިލެކްޝަންސް އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، 179,857 މީހަކު ވަނީ ވޯޓު ލައިފަ އެވެ. އެއީ ވޯޓު ލުމުގެ ޝަރުތު ހަމަވާ މީހުންގެ 67 ޕަސެންޓެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ.

ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފްވިދާޅުވީ އިއްޔެގެ އިންތިހާބު ކުރިއަށް ދިޔަ ގޮތާމެދު ޖުމްލަކޮށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.ނަމަވެސް ބަލިމަޑުކަމެއްގެ ތެރޭ އިންތިހާބު ބާއްވަން ޖެހުމުން ދަތިތައް ކުރިމަތިވި ކަމަށް ޝަރީފް ވިދާޅުވި އެވެ.