ވޮޝިންގޓަން (ފެބްރުއަރީ 6): ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ އެލަޔަންސެއް އުފެއްދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ގޮވާލައްވައިފިއެވެ.

ޖަރުމަނުގެ މިޔުނިކްގައި ކުރިޔަށްދާ ދުނިޔޭގެ އަމްނާބެހޭ މަހާސިންތާގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމަށް އެކުލަވާލާ އިއްތިޙާދުގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ އިތުރުން ޢަރަބި ބައެއް ޤައުމުތައްވެސް ބައިވެރި ކުރަންޖެހޭ ކަމުގައެވެ. ސޫރިޔާއާ ދެކޮޅަށް ހުޅަނގުން އިސްނަގައިގެން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤާރާރެއް، ރަޝިޔާއާއި ޗައިނާއިން ވީޓޯގެ ބޭނުންކޮށްގެން ފެންކޮށްލުމާގުޅިގެން ރުޅިގަދަވެފައިވާ އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ގެންދަވަނީ މިފަދަ އިއްތިޙާދެއް އެކުލަވާލުމާބެހޭގޮތުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށް ޚަބަރުލިބެއެވެ.

ރަޝިޔާއާއި ޗައިނާގެ ވީޓޯއަށްފަހު ފަރަންސޭސި ރައީސް ނިކޮލައި ސަރުކޯޒީވެސްވަނީ "ސޫރިޔާގެ ރަޙްމަތްތެރިން" ގެ ނަމުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ އެލަޔަންސެއް އެކުލަވާލުމުގެ މަސައްކަތް ވަގުތުން ފެށުމަށް ގޮވާލައްވާފައެވެ.

އަނެއްކޮޅުން ރަޝިޔާއާއި ޗައިނާ ގެންދަނީ ސޫރިޔާއާ އިދިކޮޅު ޤަރާރު ވީޓޯކުރިކުރުން ދިފާޢުކޮށް ވާހަކަ ދައްކަމުންނެވެ. މިދެޤައުމު ބުނަމުން ގެންދަނީ ސޫރިޔާގެ މައްސަލާގައި ހުޅަނގުން ގެންގުޅެނީ އިޚްލާސްތެރިކަން ނޫންކަމަށާއި ހުޅަނގުގެ ބޭނުމަކީ ސުރިޔާގެ މިހާރުގެ ޙާލަތުން ނާޖާއިޒު ފައިދާ ނެގުންކަމުގައެވެ. ބާރުގެ ބޭނުންކޮށްގެން ވެރިކަން ބަދަލުކޮށްލި އެއްވެސް ޤައުމަކަށް ހަމަޖެހުން ނާންނަ ކަމަށާއި ޢިރާޤު، އަފްޣާނިސްތާން އަދި ލިބިޔާއިން މިކަމުގެ މިސާލުތައް ފެންނަ ކަމަށާއި ސޫރިޔާގެ މައްސަލަ ޙައްލުކުރެވޭނީ އެޤައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ވާހަކަދައްކައި އެއްފަރާތުން އަނެއްފަރާތަށް ދޫދީގެން ކަމުގައެވެ.

މިކަމަށް މަގުފަހިކުރުމުގެ ގޮތުން ސޫރިޔާއަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރިގީ ލާވްރޯވް އާއި ޖާސޫސީ އިދާރާގެ ވެރިޔާ މިޚައިލް ގްރަދްކޯވް މާދަމާގެ ވަގުތެއްގައި ސޫރިޔާއަށް ވަޑައިގަންނަވާނެ ކަމަށް ރަޝިޔާގެ މީޑިޔާ ބުނެއެވެ. – އަލްޢާލަމް، އަލްޖަޒީރާ