ކޮވިޑް19 އާ ގުޅިގެން ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބި މީހުންނަށް މާދަމާ އޮންނަ އިންތިހާބުގައި ވޯޓުލާން އެއް ގަޑިިއިރު ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، މާދަމާގެ އިންތިހާބުގައި ވޯޓުލާން ފެށޭނީ ހެނދުނު 7:00 އިން ފެށިގެން ކަމަށެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ހާއްސަކޮށްފައިވާ ގަޑިއަކީ، ހަވީރު 5:00 އިން އިރުއޮއްސި 6:00 އަކަށެވެ.

ކޮވިޑާ ގުޅިގެން އެކަހެރިކޮށްފައި ތިބި މީހުން ކައުންސިލް އިންތިހާބުގައި ވޯޓުލާން ދިއުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިނީ އިއްޔެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ގެޒެޓް ކުރި އެންގުމުގައި ބުނެފައި ވަނީ އިންތިހާބު އޮންނަ ދުވަހު، ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް، ހާއްސަ ފިޔަވަޅުތަކަކާއެކު ވޯޓުލާން ދިއުމުގެ ހުއްދަ ދީފައިވާ ކަަމަށެވެ.

އެ ފިޔަވަޅުތަކަކީ:

  • އީސީން ކަނޑައަޅާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒަށް ދިއުން

  • ހުރިހާ ވަގުތެއްގައި މާސްކް އަޅައި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން
  • ޕަބްލިކް ޓްރާންސްޕޯޓު (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
  • ވޯޓުލާން ދިއުމާ އެނބުރި ގެއަށް އައުމާ ދެމެދު އިތުރު މީހުންނާ ބައްދަލު ނުކުރުން
  • ވޯޓުލުމަށްފަހު، ކަރަންޓީނު ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އަނބުރާ ދިއުން

މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮވިޑް19 އާއި ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ އާންމުކޮށްފަ އެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ކަރަންޓީނުގައި އަދި އައިސޮލޭޝަނުގައި ތިބޭ މީހުން ވޯޓު ލާން ދިޔުމަށް ހުއްދަ ހޯދައި ވޯޓުލާ މަރުކަޒަށް ދިޔުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމަށެވެ.

ވޯޓުލުމަށްޓަކައި މާލޭ ސިޓީއިން ނުވަތަ މޮނީޓަރިން ހާލަތުގައި އޮތް ރަށްތަކުން ކަރަންޓީނާނުލާ އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ. ވޯޓުލުމަށްފަހު ގިނަވެގެން 48 ގަޑިއިރު ތެރޭ އެމީހަކު އެނބުރި އައި ރަށަކަށް އެނބުރި ދާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.