09 Apr 2021, 19:20
އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރާނީގެ ފިރިކަލުން ޖޫކް އޮފް އެޑިންބާގް ޕްރިިންސް ފިލިޕް އުމުރުން 99 އަހަރުގައި މިއަދު ވަނީ އަވަހާރަވެފައެވެ.
އެކަމާ ގުޅިގެން މިއަދު ރައީސް ކުރެއްވި ޓްވީޓެއްގައި ޝާހީ އާއިލާއަށާއި އިނގިރޭސީވިލާތުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔައި، އެ ހިތާމާގައި ބައިވެރިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން 1972 ވަނަ އަހަރު ރާނީ އާއި ފިލިޕް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ހަނދާން އައު ކުރައްވައި ރައީސް ވިދާޅުވީ، ފިލިޕަކީ އާންމުންނަށް ހިދުމަތް ކޮށްދެއްވި، އިހުލާސްތެރި އަދި ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.
ސިއްހީ ހާލު ތަންނުދޭތީ 2017 ވަނަ އަހަރުގެ މެއި މަހު ޕްރިންސް ފިލިޕް ވަނީ ޝާހީ ޒިންމާތަކުން ރިޓަޔާ ކުރައްވައިފައެވެ. އޭގެ ފަހުން ރާނީ އަރިހުގައި ބޮޑެތި ހަފްލާތަކުން ފެނިގެން ދިޔަ އެވެ.
މިފަހުން އިންފެކްޝަނެއްގެ ސަބަބުން ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ވެސް ދީފައެވެ.
ރާނީ އެލިޒަބަތު އާއި ޕްރިންސް ފިލިޕް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރު އެވެ. އެއީ އިނގިރޭސި ތަހުތަށް ރާނީ އެލިޒަބަތު އިސްކުރުމުގެ ފަސް އަހަރު ކުރިންނެވެ. އެދެކަނބަލުންގެ ކައިވެންޏަށް 73 އަހަރު ވަނީ ވެފައެވެ.