މާދަމާ ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީތަކުގެ އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުންނަން އެދުމުން ސިޔާސީ ވާދަވެރި ދެ ޕާޓީ، އެމްޑީޕީ އަދި ޕީޕީއެމްއިން ކެމްޕެއިން ނިންމާލައިފި އެވެ.

މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ކެމެޕްއިން ކުރުމަކީ މަނާކަމެވެ.

އެމްޑީޕީގެ ފަރާތުން މާލޭގައި ކެމްޕެއިން ނިންމާލުމަށް ބޭއްވީ ޕިކަޕް ބުރެކެވެ. އެ ޕިކަޕް ބުރުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ ކެންޑިޑޭޓުން އަދި ޕާޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ. އޭގެ އިތުރުން ވީޑިއޯ މެސެޖް މެދުވެރިކޮށް، ޕާޓީގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ވަނީ ފަހު ބަސްވެސް އިއްވާފައެވެ.

ޕީޕީއެމްއިން މާލޭގައި ބޭއްވީ އެޕާޓީ އޮފީސް ކުރިމަތީގައި ޖަލްސާއެވެ. އެ ޖަލްސާގައި ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހަައްމަދު ޝަހީމް އަލީ ސައީދާއި ޕީޕީއެމް ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުވެސް ބައިވެރިވަޑައިގެންނެވި އެވެ. އެ ޖަލްސާ ނިންމަވާލެއްވީ ދުއާއަކުންނެވެ. ދުއާއަށްފަހު ހިނގާލުމެއްވެސް ޕީޕީއެމުން ބޭއްވި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ކެމްޕެއިން ނިންމާލުމުގެ ހަރަކާތްތައް މިއަދު ހަވީރު ބާއްވާފައިވެ އެވެ.

އެމްޑީޕީ އަދި ޕީޕީއެމްގެ އިތުރުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްވެސް އިންތިހާބުގައި ބައެއް ދާއިރާތަކަށް ވާދަކުރެއެވެ. އޭގެ އިތުރުން އެމްޑީއޭ އާއި ޑީއާރުޕީވެސް ބައެއް ގޮނޑިތަކަށް ވާދަކުރެ އެވެ.

މާދަމާ ވޯޓުލުން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑިއަކީ ހެނދުނު 7:00 އެވެ. އެމީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ މަރުކަޒު ބެލުމަށް VR (space) IDcard number ޖެއްސެވުމަށްފަހު 1414 މެސެޖް ކުރެއްވުމުން ހޯދޭނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންވެސް އެ މައުލޫމާތު ހޯދޭނެ އެވެ.

އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިހާބުގައި ވާދަކުރާނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2،264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.