06 Feb 2012, 18:59
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ޖަލުތަކުގައި ތަފާތު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ބާރުއަޅައި ދިނުމަށް ޓޯޗާ ވިކްޓިމްސް އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކިބައިން އެދެފި އެވެ.
ރައީސް އޮފީހުން ބުނީ އެ ޖަމިއްޔާއިން އެގޮތަށް އެދުނީ އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ލިބިދިނުމަށާއި އެފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް އުފައްދާފައިވާ އެ ޖަމިއްޔާގެ ބޯޑު މެންބަރު އާމިނަތު ނަޖީބު މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ޖަލުތަކުގައާއި އެހެނިހެން ގޮތްގޮތުން އަނިޔާ ލިބިފައިވާ 100 ފަރާތަކާ، އެ ޖަމިއްޔާގެ ފަރާތުން އިންޓަވިއުކޮށްފައިވާ ކަމަށާއި އެމީހުންނަށް ލިބިފައިވާ އަނިޔާތައް، އެ ޖަމިއްޔާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެމީހުންގެ އެދުމުގެ މަތިން، އެކަމަށް އިންސާފް ހޯދައިދިނުމަށް މަސަކަތް ކުރަމުން އަންނަ ކަމުގައި އާމިނަތު ނަޖީބް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި އެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅައި އިންސާފު ހޯދައިދިނުމަށް 25 ފަރާތެއްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް، ހުށަހަޅާފައިވާނެ ކަމަށް އައިމިނަތު ނަޖީބް ވިދާޅުވި ކަމަށާއި ކުރިއަށް އޮތް ތަނުގައި، އެހެން ފަރާތްތަކުގެ މައްސަލަތައް ވެސް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޓޯޗާ ވިކްޓިމްސް އެސޯސިއޭޝަނުން ވަނީ އެ ޖަމިއްޔާއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު، ރައީސަށް އަރުވާފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، ވަރަށް ބޮޑެތި އަނިޔާތަކެއް، ވޭތުވެދިޔަ 30 އަހަރު ލިބިފައިވާ ކަމަށާއި އެއީ އެކަކަށް ވެސް އޮޅިފައި އޮތް ހަގީގަތެއް ނޫން ކަމަށާއި، ޝަރުޢީ ނިޒާމާއި އަދި އެހެނިހެން ކަންކަން ވެސް ހުރިގޮތުގެ ސަބަބުން، މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމެއްގައި އިންސާފު ނުލިބި އޮތީ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އެހީތެރިވެ ޝަރީޢަތުގެ ތެރެއިން، ވެވުނު ވަރަކުން އެކަން ކަމަށް އިންސާފް ހޯދައިދިނުން ކަމަށް ވިދާޅުވި ކަމަށެވެ.
އެފަދަ އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަން ކުރަން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދީފައި އޮތް ނަމަވެސް މިއަދާ ހަމައަށް އެ ބާރުތައް އެމަނިކުފާނު ބޭނުންފުޅު ކުރައްވައްވާފައި ނުވާ ކަމަށާއި ނަމަވެސް، ރައްޔިތުންގެ ހައްގާ ގުޅޭގޮތުން ކަންކަން މެދުވެރިވުމުން އެއިރެއްގައި ކުރެވެންހުރި ކަމެއް ކުރައްވާ ރައްޔިތުންނަށް އިންސާފް ލިބޭތޯ ބައްލަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.