މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިއަށް އޮތް ރަމަޟާން މަހު ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސާއިރު، ގައިދުރު ކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސަން އިސްލާމިކް މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ.

އެ މިނިސްޓްރީ އިން ބުނީ 1442 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭ ސިޓީގެ މިސްކިތްތަކަށް ރޯދަ ވީއްލަން ތަކެތި ގެންދާ ފަރާތްތަކުން މިސްކިތްތަކުގައި ރޯދަ ވީއްލަން ބަހައްޓާ ތަކެތި ހުންނަންވާނީ އެކަކު އަތްލާ ތަކެތީގައި އަނެއް މީހާއަށް އަތްނުލެވޭ ގޮތަށް ކޮންމެ މީހަކަށް ވަކިވަކިން ބޭނުންކުރެވޭނެ ގޮތަށް ބަންދުކޮށްފައި ކަމަށެވެ.

ޖޫސް ފަދަ ތަކެތި ގެން ގެންދާނަމަ، އެތަކެތި ހުންނަނަވާނީ ކޮންމެ މީހަކަށް ވަކިން ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރު ކުރުމުގައި ގައިދުރުކޮށް ތިބެވޭނެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ރޯދަމަހު، ގިނަ އަދަދެއްގެ ބިދޭސިންނާއި ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު މިސްކިތަށް ރޯދަ ވީއްލުމަށް ދެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ރޯދމަހު މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ހުއްދަ ދީފައެއް ނުވެއެވެ.