ވޮޝިންގޓަން (ފެބްރުއަރީ 6) : ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރްސަތު ބޮޑީ މިހާރުގެ ރައީސް ބަރަކް އޮބާމާއަށް ކަން ޚިޔާލުހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެއެވެ.

ވޮޝިންގޓަން ޕޯސްޓާއި އޭބީސީ ނިއުޒް ގުޅިގެން ކުރި މިސަރވޭން ހާމަވާގޮތުގައި އެމެރިކާ ރައްޔިތުންގެ 52 ޕަސެންޓް މީހުން އޮބާމާއަށް ތާއީދުކުރާއިރު އޮބާމާއާ ވާދަކުރައްވާނެ ކަމަށްބެލެވޭ އިދިކޮޅު ކެންޑިޑޭޓް މިޓްރުމްނީއަށް ތާއީދުކުރަނީ 43 ޕަސެންޓް މީހުންނެވެ. މީގެކުރިން ކުރި ސަރވޭއަކުންވެސް ރިޔާސީ ދެވަނަ ދައުރެއް އޮބާމާ ކާމިޔާބުކުރައްވާނެކަން ހާމަވެފައިވެއެވެ.

އެމެރިކާގެ ހަރުކަށި ނިއުކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއް ކަމަށްވާ މިޓްރުމްނީ ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެތަށް ސްޓޭޓަކުން އެހެން ކެންޑިޑޭޓުންގެ މައްޗަށް ކުރިހޯއްދަވާފައެވެ. އެންމެފަހުން ޕްރައިމަރީ ބޭއްވި ނިވާޑާއިިންވެސް ރުމްނީވަނީ ކުރިހޯއްދަވާފައެވެ.

ނަމަވެސް ރުމްނީގެ ތާއީދު އެމެރިކާގެ ޢާންމުންގެ މެދުގައި ދަށަށްދަނީ އޭނާގެ ވިސްނުމާއި ފިކުރުގެ ހަރުކަށިކަން އެމެރިކާގެ ޢާންމުންނަށް އެނގޭ މިންވަރަކުން ކަމަށް ޚަބަރު ލިބެއެވެ. ރުމްނީއާމެދު ގިނަ ބަޔަކު ޖެހިލުންވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ގެންގުޅުއްވިފަދަ ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތެއް ގެންގުޅުއްވަފާނެކަމުގެ ބިރު ހީވާތީ ކަމަށް މީޑިޔާާ ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް