06 Feb 2012, 18:05
މާލޭތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށްފައިވާ މައްސަލައަށް ހައްލެއް ހޯދަން 13 ސިޔާސީ ޕާޓީއަކުން ބައިވެރިވާ ސުލްހައިގެ ބައްދަލުވުންތައް މާދަމާ ފަށާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމުން ބުނީ މާދަމާ ފަށާ ސުލްހައިގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން 13 ޕާޓީއަކުން ދީފައިވާއިރު އެ ކޮމިޝަނުން އަދާކުރާނީ މެދުވެރިއެއްގެ ރޯލް އެކަނި ކަމަށެވެ.
މި މަޝްވަރާތައް ކަވަރުކުރުމަށް މީޑިއާ ބައިވެރިކުރުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ވަކިތަނެއް އަދި ގަޑިއެއް ވެސް އެޗްއާރުސީއެމުން ބުނެފަ އެއް ނުވެ އެވެ.
އެޗްއާރުސީއެމްގެ މީޑިއާ ކޯޑިނޭޓާ އަލީ ރިލްވާން މިއަދު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ ޔަޤީން ކަން ދީފައިވާ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީއާއި ޑީއާރްޕީއާއި އަދާލަތު ޕާޓީއާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އާއި މޯލްޑިވިއަން ރިފޯމް މޫވްމަންޓާއި މޯލްޑިވްސް ލޭބާ ޕާޓީ އާއި ގައުމީ އިއްތިހާދާއި ސޯސަލް ލިބަރަލް ޕާޓީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ އިތުރުން ޕީޕަލްސް ޕާޓީ ހިމެނޭ ކަމަށެވެ.
ރިލްވާން ވިދާޅުވީ މަޝްވަރާގެ ބައްދަލުވުންތަކުގައި ބައިވެރިވާނީ އެ ޕާޓީއަކުން ކަނޑައަޅާ ބޭފުޅުން ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއީ ކޮންކޮން ބޭފުޅުންނެއް ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"މިބައްދަލުވުންތަކުގެ ބޭނުމަކީ ދިވެހި މުޖުތަމައުގައި އަމާންކަން ދަމަހައްޓައި، އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ސަގާފަތެއް ގާއިމްކުރުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެ މަސައްކަތް ކުރުމަށް، އަދި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އެތައް ބައެއްގެ އިންސާނީ ހައްގުތަކަށް އުނިކަން ލިބެމުންދާދިއުމަށް ހުއްޓުވުމެއް ގެނެސް، ދިފާއީ ބާރުތަކުގެ ބެލުމުގެ ދަށަށް އަބްދުﷲ ޣާޒީ ގެންދިޔަ މައްސަލައާއި އެކަމާ ގުޅިގެން އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކަށް މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުމަށް މަގު ފަހުކޮށްދިނުމެވެ،" އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.