06 Feb 2012, 17:28
ސުޕްރީމް ކޯޓާއި ހައިކޯޓުގެ ބެންޗުން ފަނޑިޔާރުން މަދުކުރުމުގެ ގޮތުން ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށައެޅި އިސްލާހު ބޭރުކޮށްލާނެ ކަމުގެ އިންޒާރު ޕީޕީއެމުން މިއަދު ދީފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ ފަނޑިޔާރުން މަދުކުރުމުގެ އިސްލާހެއް އެމްޑީޕީން ހުށައެޅި ބޭނުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއަށް "ދަނޑިބޭނުމުގެ" ގޮތުން ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތް ޕުޅުގެ ތެރެއިން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ލާހިކެއްނޫން އެ ބިލް ފާސްކުރާކަށް. އިހަށް ދުވަހުވެސް އަޅުގަނޑުމެން ނަގާ އެއްލާލަފައިވާ ބިލްތަކެއް ފާސްކޮށްފަ އަތްތިލަބަޑި ޖަހައިފި. އެއީ ދިވެހި ރައްޔިތުންގެ ކޯތާފަތްމަތިގައި ޖަހާލެވޭ އެތިފަހަރެއް. އިރާދަކުރެއްވިއްޔާ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލްގެ މައްސަލާގައި އަޅުގަނމެންގެ ޖާނު އެއްކޮށް ދީގެން ވެސް މިކަން ހުއްޓުވޭތޯ މަސައްކަތް ކުރާނަން،" އާރިފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހުށައެޅި ބިލް ބޭރުކޮށްލުމުގެ އެންމެބޮޑު އުއްމީދެއް އޮތީ ސަރުކާރާއި ދެކޮޅު ހުރިހާ އެންމެން އެކައްޗެއް ކިޔުމަށްފަހު ކުރާ މަސައްކަތް ކަމަށާއި އިދިކޮޅު އެންމެން އެކައްޗެއް ކިޔުމަށް ފަހު އެ ބިލް ބޭރުކޮށްލާނެ ކަމަށެވެ.
"އެކަން ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްކޮށްގެން މިބިލް ފޭލްކޮށްލާނަން،" އާރިފު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ޖީއެމްއާރުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަ ފުލައިޓްތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.