06 Feb 2012, 17:16
ރާއްޖެ އަންނަ ފްލައިޓުތައް ހުއްޓާލާ ވާހަކައާ ހުއްޓާލަން ގަސްތުކުރާ ވާހަކައަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އިބްރާހިމް ނާސިރު އިންޓަނޭޝަލްް އެއާޕޯޓް ހިންގާ އިންޑިޔާގެ ޖީއެމްއާރުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބޭނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ޖީއެމްއާރުގެ ސަބަބުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެ ކުންފުންޏާ ވާހަކަދައްކައިގެން ހައްލު ހޯދަން ގޮވާލައްވާ ކަމަށެވެ. ޖީއެމްއާރާއި އެކީގައި ހަދާފައިވާ އެއްބަސްވުމަކީ ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކަށްވާތީ އެކަން ކުރަންޖެހޭނެ ކަމަށާއި ސަރުކާރުން އެކަމަށް ނުކުޅެދޭނަމަ އިސްތިއުފާ ދެއްވުމަށްފަހު ކަންކުރެވޭނެ ބަޔަކާ ސަރުކާރު ހަވާލުކުރުމަށް ވެސް ރޮޒައިނާ ގޮވާލެއްވެވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރަކީ "އޮޅު ދޫންޏެއް" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެ ދޫނި ރައްޔިތުންގެ ގައިގައި ދަތްއަޅާ ގޭގެއަށް ސީލާ ހަދާނަމަ އެކަން ހުއްޓުވަން ޖެހޭނީ ވެސް ރައީސް ނަޝީދު ކަމަށެވެ. އަދި އެ ދޫނީގެ ސަބަބުން މިހާރު ދިމާވެފައިވާ މައްސަލަތަކުގައި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނީ ވެސް ރައީސް ނަޝީދު ކަމަށެވެ.
"މިދިޔަ ހަފްތާ ތެރޭގައި އިވިގެން ހިނގައްޖެ ޖީއެމްއާރުގައި ޖައްސާ ފުލައިޓުތައް ހުއްޓާލާ ވާހަކަ ނުވަތަ ހުއްޓާލަން ގަސްދުކުރާ ވާހަކަ. އެގޮތުން ގަތަރުން ވަނީ މިއަދު ދެ ފުލައިޓު ކެންސަލްކޮށްލާފަ. އެމިރޭޓްސް އިންނާ އިންޑިއަން އެއާލައިންސުން ވެސް އެވާހަކަ އެބަދައްކާ. ފަހަރު އެއާލައިނެއް އެގޮތަށް އެނައުސް ކުރަމުން ދަނީ. ޖީއެމްއާރުގެ ފަރާތުންވާ ގެއްލުންތަކަށް ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ސަރުކާރުން. އަދި ރައްޔިތުންނާއި ޖަވާބުދާރީ ވާންޖެހޭނީ އެމްޑީޕީގެ އިސްވެރިއެއްގެ ގޮތުން ހުންނެވި ރައީސް ނަޝީދު،" ރޮޒައިނާ ވިދާޅުވިއެވެ.