ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނެ ގޮތް ޤާނޫނު އަސާސީގައި ކަނޑައަޅައިދީފައި ވަނިކޮށް ފުލުހުން މެދުވެރިކޮށް، ޚިޔާލު ފާޅުކުރަންވީ ގޮތްތަކެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ނޭންގޭނެ ކަމަކަށް މޯލްޑިވުސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ) މިއަދު ބުނެފި އެވެ.

އެމްޖޭއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އިސްލާމްދީންގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައި ނުގަނެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އަދި ހަމަ އެއާ އެކު ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ އަސާސީ އެއްވެސް ހައްގެއް ގާނޫނަކުން ވިއަސް ހަނިކުރެވޭނީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓިދާނެ މިންވަރަކަށް ގާނޫނުގައިވާ ގޮތަށް. އަދި ޝަރުއީ ކޯޓުގެ ހުކުމްތަކުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައި. އެހެންކަމާ އެކު ހިޔާލުފާޅުކުރުމުގެ މިންތަކާއި އިންތައް ކަނޑައެޅުމުގެ އެއްވެސް އިހުތިޔާރެއް ފުލުހުންނަށް ލިބިގެންވާ ކަމަށް މި ޖަމިއްޔާއަކުން ނުދެކެން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ޕްރިންޓް މީޑިޔާ އާއި ބްރޯޑްކާސްޓް މީޑިޔާ ރެގިއުލޭޓު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ދެ މުއައްސަސާ އަށް ވެސް އުޞޫލުތައް ކަނޑައެޅޭނީ ޤާނޫނު އަސާސީ އާއި ގާނޫނާ ޚިލާފުނުވާނެ ގޮތެއްގެ މަތީން ކަމަށާއި އެ ނޫން އެއްވެސް ހާލަތެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގައި 'ރޮނގެއް' ދެމުމުގެ އިހުތިޔާރު އެ ފަރާތްތަކަށް ވެސް ގާނޫނުން ތަނަވަސް ކޮށްދީފައި ނެތް ކަމަށެވެ.

"މި ޖަމިއްޔާ އިން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލަނީ، ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަދި ދައުލަތުގެ ކޮންމެ މުއައްސަސާއަކަށް ވެސް އަމުރު މައުރޫފު ހިންގުމުގެ އިހުތިޔާރު ލިބިގެން ވަނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީން ކަމަށްވާތީ ގާނޫނީ އިމުން ބޭރުން އަމުރު މައުރޫފު ނުހިންގެވުމަށް. އަދި ރައީސުލުޖުމްހޫރިއްޔާ ދެއްކެވި ކަމަށް ބުނާ އެ އޯޑިއޯ ތަހުޤީޤުކޮށް ކަމާ ބެހޭ އެންމެހާ އިދާރާތަކުން އެކަން ބަލައި ދިނުމަށް މިޖަމްއިއްޔާ އިން ގޮވާލަން،" ބަޔަނުގައިވެ އެވެ.

މީގެ އިތުރުން ވެސް އެމްޖޭގަބަޔާނުގައި ވަނީ ރެއާއި އިއްޔެރޭ އެމްޑީޕީ އާއި އިދިކޮޅުފަރާތްތަކުން ކުރި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށާއި ނޫސް އިދާރަތަކުގެ ތަކެއްޗަށް ހަމަލަދީފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރަތުން ކުށްވެރި ކުރާކަމަށެވެ.