ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން (އައްޔުބެ) މަރާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.

މިއަދު މުއްދަތު ޖަހައިދިނީ އައްޔުބެގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަހުވަދޫ، ރަނަކުރި، އިބްރާހިމް މާޖިދު ބަންދުގައި ބަހައްޓާށެވެ.

މާޖިދުގެ އިތުރުން އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ ކުޑަހުވަދޫ، ކުޑަ ފިރިހެން ކުއްޖާ ވެސް އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ރަހުމްކުޑަގޮތަކަށް އައްޔުބޭ މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ކުޑަހުވަދޫ، ފަނަސް، ފައުޒާމް މުހައްމަދު ވެސް ޝަރީއަތް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އަމުރުކޮށްފައެވެ.

ރަހުމްކުޑަ ގޮތަކަށް އައްޔުބެ މަރާލި މައްސަލައިގެ ތުހުމަތަށް އެ ތިން މީހުންގެ އިތުރުން، އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އެ މީހުންނާ ބެހޭ މައުލޫމާތު ދެވެން ނެތްކަމަށް ފުލުހުން ބުނެ އެވެ.

ބާރުގަދަ ސިހުރު ހަދާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ އައްޔުބޭ މަރާލާފައި ވަނީ މިދިއަ ޖެނުއަރީ އަށްވަނަ ދުވަހު އެވެ. މެއަށް ދަގަނޑެއް ޖަހައި ކަތިވަޅިއަކުން ކަރުބުރިކޮށް މަރާލުމަށްފަހު އައްޔުބޭ އެއްލާފައި ވަނީ ކުޑަހުވަދޫގެ ފަޅު ގޯއްޗެއްގެ ތެރެއަށެވެ.