މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނަށްވުރެ، މިފަހަރުގެ ސީޒަނަކީ ކުލަބްތަކުގެ ވާދަވެރިކަން ބޮޑުވެގެންދާނެ ސީޒަނަކަށްވުމުން ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވީބީ އައްޑޫ އެފްސީގެ ހެޑް ކޯޗް ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ޓާފް ދަނޑުގައި ވީބީން ކުރި ފަރިތަކުރުމަށްފަހު ސަން އޮންލައިންއާ ވާހަކަ ދައްކަމުން ކޯޗް ވަންލީ ބުނީ، މިފަހަރުގެ ސީޒަނަކީ ކުލަބްތަކުގެ ވާދަވެރިކަން ބޮޑުވެގެން ދާނެ ސީޒަނެއް ކަމަށެވެ. އަދި މިފަހަރުގެ ސީޒަންގެ ވާދަވެރިކަން ކުޅުންތެރިންނަށް އަންގައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާއިރު، އެ މަސައްކަތްތަކުގެ ދަށުން މިހާރުން މިހާރަށް ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ކުޅުންތެރިން ފިޓްނަސް ރަނގަޅު ކުރުމަށް ފަށާފައިވާ މަސައްކަތް ކަމަށެވެ.

"ފިޓްނަސް ރަނގަޅު ކުރުމަށް ކުޅުންތެރިން ވަރަށް މަސައްކަތް ކުރަން ޖެހޭ. އަހަންނަށް މިހާރުވެސް އިނގޭ މިފަހަރުގެ ސީޒަންގެ ވާދަވެރިކަން. މިދިޔަ އަހަރަކީ ވީބީގެ އަހަރަކަށް ވިޔަސް، މިފަހަރުވެސް އެކަން ތަކުރާރު ކުރުމަށް މަސައްކަތް ކުރަން އެބަޖެހޭ. ސްކޮޑްގައި ތިބި ގިނަ ކުޅުންތެރިންނަކީ ފިޓްނަސް ނެތް ކުޅުންތެރިން. ވާދަވެރި ސީޒަނަކާ ކުރިމަތިލާއިރު އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ކުޅުންތެރިންގެ އަތް މަތީގައި އޮތް ކަމެއް،" މިދިއަ ސީޒަންގައި ވީބީއަށް ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ވަންލީ ބުންޏެވެ.

ވީބީއާ އަލަށް ގުޅުނު ބައެއް ކުޅުންތެރިން ފެންވަރު އިނގޭ ކަމަށާއި ސީޒަނާ ކުރިމަތިލާއިރު އެކުޅުންތެރިންގެ ފިޓްނަސް ނެތުމަކީ ޓީމަށް އޮތް ބިރެއް ކަމަށް ވަންލީ ވަނީ ފާހަގަ ކޮށްފަ އެވެ.

ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވީބީން ވަނީ މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީއަށް ދަތުރެއް ކުރުމަށްނިންމާ، އެދަތުރުގައި އައްޑޫގެ ޓީމްތަކާއެކު ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް ނިންމާފަ އެވެ. އަދި އެދަތުރުގައި ގައުމީ ޓީމާއެކު ވެސް ޕްރެކްޓިސް މެޗެއް ކުޅުމަށް ވީބީން ނިންމާފައި ވާކަމަށް ޓީމުގެ މެނޭޖަރު ސަތޯ ވަނީ ބުނެފަ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، އެ ދުވަހުގެ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވީބީ އާއި ވިކްޓަރީ އެވެ.