06 Feb 2012, 15:25
ބަނގުރާ ބުއިކަމުގެ ތުހުމަތައް ހައްޔަރު ކުރި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަދި ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) ގެ މައްސަލަ ތަހުގީގު ކުރުމަށް ސިޔާސީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ޖާ ބަންދުގައި ބަހައްޓަން މުއްދަތު ޖަހައި ދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
"ޕޮލިޓިކަލީ މި މައްސަލަ ތަހުގީގު ކުރުމަށް ހުރަސްތަކެއް އެބަހުރި،" ޝަރީއަތުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.
ޖާގެ ބަންދުގެ މުއްދަތުގެ މަޖިލީހުގައި މިއަދު ވަނީ އޭނާގެ މުއްދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހަދީފި އެވެ.
މ. ޖަރީމާގޭ އެޕާޓްމަންޓަކުން ބަނގުރާ ފުޅިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކަކާއެކު ރޭ އިރާކޮޅު ހައްޔަރު ކުރި ޖާގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދިނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން ޖާ ރެއިން ފެށިގެން ބާއްވާފައި އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
~
ބަންދުގެ މުއްދަތު އިތުރު ކުރި ޝަރީއަތުގައި ފުލުހުންގެ ވަކީލު ވިދާޅުވީ ޖާ ހައްޔަރު ކުރީ ޖަރީމާ ގޭގެ ފަސް ވަނަ ބުރީ އެޕާޓްމަންޓެއްގައި ބަނގުރާ ބޮއެ މަސްތުވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކަމަށެވެ. އަދި ފުލުހުން އެގެއަށް ވަދެ އޭނާ ހައްޔަރު ކުރި އިރު، އެ ގޭގެ އުދުން ކައިރިއާއި ދޮންނަ މެޝިން މަތިން ވެސް ބަނގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ގޭގެ ތެރޭގެ އެކި ތަންތަނުން ބަނގުރާ ފުޅިތަކެއް ފެނުނުއިރު، ސިޓިން ރޫމްގެ ސޯފާ މަތިން ވެސް ބަނގުރާ އަޅާފައިވާ ކަމަށް ޝައްކުކުރެވޭ ބިއްލޫރި ތައްޓެއް ފެނިފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ފުލުހުން އެދުނީ އޭނާ ދިރިއުޅޭ ގެއިން ބަނގުރާ ފެނިފައިވާތީ ފުލުހުންގެ ބަންދުގައި ޖާ ބަހައްޓައިގެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.
ޖާގެ ދިފާއީ ވަކީލުންގެ ގޮތުގައި ކޯޓަށް ވަޑައިގަތީ އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފާއި އަބްދުﷲ ޝާއިރެވެ. ކޯޓުގައި ޖާގެ ދިފާއުގައި ވާހަކަފުޅު ދެއްކެވީ ޝާއިރެވެ.
ޝާއިރު ވިދާޅުވީ މައްސަލައިގެ ހަސްމުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ހެކިތަކެއް ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އިތުރު ހެކިތަކެއް ފުލުހުން ހުށަހަޅަން އެދިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނުފެންނަ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތަކަށް ބުރަވެ، ގާޒީ ސައީދު އިބުރާހިމް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ޖާގެ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުހުލަތު ދޭން ކަނޑައެޅުއްވެވީ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތް ހިނގި އިރު ނޫސްވެރިން އަޑު އަހަން ވަދެ އިން ސަން އޮންލައިންގެ ނޫސްވެރިޔާ މަޖިލީހުން ބޭރުކޮށް ދިނުމަށް ޖާގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު އެދި ވަޑައިގަތެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި ތަހުގީގަށް ސިއްރުކުރަންޖެހޭ ހެކިތަކެއް ހުރެދާނެ ކަމަށާއި އެ ހެކިތައް ހާމަވެދާނެތީ ނޫސްވެރިން ނުވައްދާ ޝަރީއަތް ހިންގައި ދިނުމަށެވެ. މިކަމާ ގުޅިގެން ގާޒީ ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ނޫސްވެރިން ވައްދައިގެން ކުރިޔަށް ދިޔަ ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފުލުހުން ނުދެކޭ ކަމަށެވެ.