އަލްގައިދާއާ ގުޅުން ހުރި 100 ވަރަކަށް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ރާއްޖޭގެ އިންޓެލިޖެންސާއި ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ ރޮއީޓާސް ބުނެފި އެވެ.

"ގްރާފްޓް، ޕޮލިޓިކްސް، މިލިޓެންޓް އިސްލާމް، ޝޭކް އިންޑިއަން އޯޝަން އައިލެންޑް ޕެރަޑައިސް" މި ސުރުހީގެ ދަށުން ރޮއިޓާސްގެ ސީ. ބްރައިސަން ހަލް މިއަދު ލިޔެފައި ވަނީ "އަލްގައިދާ ނުވަތަ އެހެން ޓެރަރިސްޓް ގްރޫޕްތަކާ ގުޅިފައިވާ، ނުވަތަ އަފްޣާނިސްތާނު ނުވަތަ ޕާކިސްތާނުގައި ތަމްރީނު ހޯދާފައިވާ 100 ވަރަކަށް މީހުން ރާއްޖޭގައި ތިބި ކަމަށް ރާއްޖޭގެ އިންޓެލިޖެންސްގެ ދެ އޮފިސަރުން ބުނި" ކަމަށެވެ.

އެ ލިއުމުގައި ބުނެފައި ވަނީ އެމީހުންނަށް ދިވެހި ސަރުކާރުން ފާރަލައި ބަލަމުން އަންނަ ކަމަށެވެ.

"ނުރައްކާތެރި ޓެރަރިސްޓުންނަށް ވެދާނެ ބަޔަކީ ކޮބައިކަމާ މެދު އަހަރެމެންގެ ކޮންމެވެސް ވަރަކަށް ރަނގަޅު އަންޑަސްޓޭންޑިން އެއް އެބައޮތް. އެމީހުންނަކީ ޓެރަރިސްޓުންނާ އެކު ޓެރަރިސްޓް ކޭމްޕްތަކުގައި ތަމްރީނު ވެފައިވާ މީހުން. މިއީ ވަރަށް ބޮޑު މައްސަލައެއްކަން އަހަރެމެންނަށް އިނގޭ. އަދި އަހަރެމެން މިކަމާ ދެކޮޅަށް މަސައްކަތް ނުކޮށްފިނަމަ މުސްތަގުބަލުގައި ބޮޑު މައްސަލައަކަށް ވެގެންދާނެ،" ނަން ހާމަނުކުރާ ރާއްޖޭގެ އިންޓެލިޖެންސް އޮފިޝަލުން ބުނި ކަމަށް ލިއުމުގައިވެ އެވެ.

ހުޅަނގުގެ އިންޓެލިޖެންސް ރާޑަރުތަކުގެ އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މައްސަލަ ނުވިޔަސް ރާއްޖޭގެ ހަނގުރާމަވެރިން ހޯދިފައިވާ ކަން އެމެރިކާ އާއި ޔޫރަޕްގެ ހަތަރު ޑިޕްލޮމޭޓުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ރޮއިޓާސްގެ ލިއުމުގައިވެ އެވެ. އެ އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭކަމަށް ވެސް ބުނެފައިވެ އެވެ.

"ނުބައި ނުލަފާ ކަމުގައި ހައްދު ފަހަނައަޅާފައިވާ މީހުން ދުރު އަތޮޅުތަކުގައި އެބަތިބި. ކަލޭމެން އެތަން ތަނަށް ދާން ވެސް ބޭނުމެއް ނުވާނެ،" އެމެރިކާގެ ޑިޕްލޮމޭޓަކު ބުނި ކަމަށް ރޮއިޓާސްގައިވެ އެވެ.

ޖިއޮގްރަފިކް ގޮތުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން އިންޓެލިޖެންސް މައުލޫމާތު ހޯދަން އުނދަގޫ ކަމަށް ރާއްޖޭގެ އިންޓެލިޖެންސް އޮފިޝަލުން ބުނި ކަމަށް ވެސް ރޮއިޓާސްގެ ލިއުމުގައި ވަނީ ބުނެފަ އެވެ.

"ރަށަކަށް އެއްވެސް މީހަކު ފޮނުވައިފި ނަމަ ވަރަށް ފަސޭހައިން އެމީހަކު ފާހަގަވާނެ. އިންޓެލިޖެންސް މައުލޫމާތު ހޯދަން އެހެންވެ ވަރަށް އުނދަގޫ،" ރާއްޖޭގެ އޮފިޝަލުން ވިދާޅުވި ކަމަށް ލިއުމުގައިވެ އެވެ.