07 Apr 2021, 09:42
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 22 މެމްބަރަކު ސަލާމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 22 މެމްބަރުން ކަމަށެވެ.
ސަލާމުގައި ވެސް 22 މެމްބަރުން ތިއްބެވި ކަމަށާއި، ރަސްމީ ދަތުރުފުޅެއްގައި ދެ މެމްބަރުން ތިއްބެވި އިރު ކަރަންޓީނުގައި ތިން މެމްބަރަކު ތިއްބެވި ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގެންވީ އެ މެމްބަރުންގެ ދާއިރާއަށް ކަމަށެވެ.
"އެބޭފުޅުންގެ ދާއިރާގެ މަސައްކަތުގައި ތިއްބެވި ބޭފުޅުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައަޅަން އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. މަޖިލިސް މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލިސް އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ އެވެ. އަދި ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެ މެމްބަރުން ވަޑައިގެންނެވި އިރުގައި އާންމު ކޮމިޓީގެ އުސޫލު އަދި އޮތީ ފާސް ނުވެ ކަމަށެވެ. އެހެންކަމުން އުސޫލުގެ ދަށުން ވަޑައިގެން ތިއްބެވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ކަމަށެވެ.
މިއަދު ރެކޯޑު އަދަދަކަށް މެމްބަރުން ސަލާމް ވިދާޅުވި އިރު، މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން ބާއްވާ އެންމެ ފަހު މަޖިލިސް ޖަލްސާ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގެ ކެމްޕެއިނަށް މީގެކުރިން ވެސް މެމްބަރުން ވަނީ އަތޮޅު ތެރެއަށް ވަޑައިގެންފަ އެވެ. މަޖިލިސް ރައީސް މީގެކުރިން ވިދާޅުވީ މެމްބަރަކު ކެމްޕޭނަށް، އެ މެމްބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން ބޭނުންނަމަ، މަޖިލީހުގައި އެކަމަށް އެދިއްޖެނަމަ އެމަނިކުފާނު އެކަމަށް ފަހިކޮށްދެއްވާނެ ކަމަށެވެ.