ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުނަށް ކިޔަވައި ދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއިންސްލޭންޑާއި އެޑިއުކޭޝަން މިނިސްޓަރީ ގުޅިގެން މިއަދު ފަށައިފި އެވެ.

ސެންޓަ ފޯ ކޮންޓިނުއިން އެޑިއުކޭޝަންގެ ހެޑް އިންޗާޖް އާދަމް ޝަރީފް ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމުގައި މާލޭގެ ސްކޫލުތަކުގެ އިސްވެރިންނާއި ޓީޗަރުންގެ ތެރެއިން 35 ފަރާތެއް ބައިވެރިވާ ކަމަށާއި ޕްރޮގްރާމުގައި ކުރިން ވެސް އެ ޔުނިވާސިޓީން ތަމްރީން ކޮށްފައިވާ ދިވެހިންގެ އިތުރުން ޔުނިވާސިޓީގެ ތިން ޕްރޮފެސަރަކު ކިޔަވާދެއްވާނެ ކަމަށެވެ.

ދެ ދުވަހަށް ކުރިޔަށްގެންދާ ޕްރޮގްރާމް އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާއި ކ. ތުލުސްދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައިވެސް މި ޕްރޮގްރާމް ހިންގާނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ 300 އަށް ވުރެ ގިނަ ކުދިން ރާއްޖޭގެ 19 ސްކޫލެއްގައި މިހާރު ވެސް ތައުލީމް ހާސިލް ކުރެ އެވެ. ޅަފަތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދެނެގަނެ އެކުދިންނަށް ދޭން ޖެހޭ ހާއްސަ އެހީ އާއި ފަރުވާދޭނެ ސެންޓަރެއް ގާއިމް ކުރުމަށްވެސް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން އަންނަނީ މަސައްކަތްކުރަމުން ނެވެ.