06 Apr 2021, 22:15
ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހޭ އާބާދީގެ 57 ޕަސެންޓު މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.
އެޗްޕީއޭއިން އިއްޔެ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހަވީރު 6:00ގެ ނިޔަލަށް 251،139 މީހުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އެ މުއްދަތާ ހަމައަށް ޑޯޒް ޖަހާފައި ވަނީ 5753 މީހުންނަށެވެ.
ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާއި ލިޔެކިޔުން ނެތް ބިދޭސީންނަށްވެސް ދަނީ ވެކްސިން ދެމުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ދަނީވެސް ކޮވިޝީލްޑް އަދި ސިނޮފާރމް ވެކްސިން އެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފެށީ ފެބްރުއަރީ 1ގަ އެވެ. ސައިނޯފާމް ވެކްސިން ޖަހަން ފެށީ މާޗް 22ގަ އެވެ.
ރާއްޖެއަށް ފައިޒާ ވެކްސިންގެ ޑޯޒްތަކެއް ގެނެސްފައިވާއިރު، އެ ވެކްސިން ޖަހަން ރަޖިސްޓްރީ ކުރަން މި މަހުގެ އެއް ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.