ރާއްޖޭގައި ދެމުންދާ ކޮވިޑް-19ގެ ވެކްސިންގެ ބާވަތްތަކުގެ ފުރަތަމަ ޑޯޒް ރާއްޖެއިން ބޭރުގައި ޖަހާފައިވާނަމަ ދެވަނަ ޑޯޒް ރާއްޖޭގައި ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާރމް އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތަށް ރާއްޖެއިން ދެވަނަ ޑޯޒް ޖަހަން އެދޭ މީހުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް[email protected]އަށް ފޮނުވުމަށް އެޗްޕީއޭއިން އެދުނެވެ.

އީމެއިލްގައި ނަމާއި، އައިޑީ ކާޑު ނަމްބަރާއި، ޕާސްޕޯޓު ނަންބަރާއި، ގުޅޭނެ ނަންބަރަކާއި، ޖެހި ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިހު ހިމަނަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީވެސް ކޮވިޝީލްޑް، ސިނޮފާމް ވެކްސިން އެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފެށީ ފެބްރުއަރީ 1ގަ އެވެ. ސައިނޯފާމް ވެކްސިން ޖަހަން ފެށީ މާޗް 22ގަ އެވެ. ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީ ކުރަން މި މަހުގެ އެއް ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގެ އާބާދީގެ 57 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.