06 Feb 2012, 14:55
ދިރާސީ އަހަރު ފެށުނު އިރު ނުލިބި ހުރި ގްރޭޑް ހައެއް ހަތެއްގެ ސޯޝަލް ސްޓަޑީޒްގެ ފޮތްތައް ސްކޫލްތަކަށް ދޫކުރަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަބްދުއް ސަމީއު ހަސަން ވިދާޅުވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެލިސިޓާސް ޓްރޭޑިން މޯލްޑިވްސް އާއި އެކު ކޮންޓްރެކްޓް ކޮށް ޗާޕްކުރި 7000 ފޮތް ދޫކުރަން ފެށީ މިދިއަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސުކޫލުތަކަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފޮތްތައް ރައްދުކޮށްދެވިފައިވާ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އަތޮޅުތަކުގެ ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ސުކޫލުތަކަށް ފޮތްތައް ފޮނުވާފައިވަނީ މިނިސްޓަރީންނެވެ. އަތޮޅުތަކަށް ފޮތްތައް ފޮނުވަން ހަމަޖައްސާފައި ވަނީ މިނިސްޓަރީން ފޮތްތައް އަތޮޅުތަކުގެ ސުކޫލުތަކަށް ފޮނުވުމުން އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ތައުލީމީ ޔުނިޓްތައް މެދުވެރިކޮށެވެ.
އެޑިއުކޭޝަނުން ބުނިގޮތުގައި އަލަށް ޗާޕްކުރި ސޯސަލް ސްޓަޑީޒް ފޮތުގައި ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ އެ ބަދަލުތައް ހިމަނާފައިވާނޭ ކަމަށާއި އެގޮތުން ޑިމޮކްރަސީއާއި ހިއުމަން ރައިޓްސްގައި ބައިތައް ހިމަނާފައިވާނެ ކަމަށެވެ.