ކައުންސިލުތަކަށް މިހާރު ދީފައިއޮތް ބާރުތަކާއެކު ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ނުހިނގައިފި ނަމަ ކައުންސިލްތަކަށް ބާރުދީ ގެނައި އިސްލާހު އުވާލަން ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނަށް އަށްވަނަ އިސްލާހު ގެނައީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިނިސްޓްރީތަކުގައި ޖަމާވެފައި ހުރި ބޮޑެތި ބާރުތަކެއް ކައުންސިލުތަކަށް ލިބިފައިވާ ކަމަށެވެ. އެ ބާރުތައް ކަައުންސިލުތަކަށް ދޭން ޖެހޭނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.

"ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެ މަސައްކަތް ހިނގާތަން އަޅުގަނޑުމެން ދައްކަން ޖެހޭނެ. އެހެން ނޫން ކަމަށް ވާނަމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ އައިސް މި އިސްލާހު. އަށްވަނަ އިސްލާހުގައު ހުރި ކަންތައްތައް އުވާލަން އަޅުގަނޑު ހުށަހަޅާނަން އިނގޭތޯ އެ މަސައްކަތްތައް ނުކުރެވޭ ކަމަށް ވަންޏާ. އޭރުން ރާއްޖޭގައި މިނިޒާމެއް ނޯންނާނެ." އަލީ ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާރުތަކާއެކު ފުރިހަމައަށް އެ ނިޒާމު ނުހިނގާ ކަމަށް ވާނަމަ ލާމަރުކަޒީ ނިޒާމު އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައި ވާ ކަމަށް އަލީ ނިޔާޒު ފާހަގަ ކުރެއް ވިއެވެ.

"އެކަމަކު އަޅުގަނޑުމެން އަދިވެސް ގަބޫލުކުރާ ނިޒާމެއް. [ލާމަރުކަޒީ ނިޒާމަކީ] އަދި އެންމެ ފަހުން ރާއްޖޭގައި އައިއާރުއައި އިން ހެދި ސާވޭއަކުން ރާއްޖޭގެ 75 ޕަސެންޓް މީހުން އެބަ ގަބޫލުކުރޭ ދިވެހިރާއްޖެ ހިނގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގައި ބުނެފައިވާގޮތުން ކަައުންސިލުތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހުތިޔާރު ކައުންސިލްތަކަށް ލިބިގެން ވެއެވެ. އަދި އެ ވިޔަފާރި ކުރުމަށްޓަކައި ލޯކަލް އޮތޯރިޓީގެ ކުންފުނި އުފެއްދޭ ގޮތަށް ގާނޫނުން އޮތީ ބާރު ދީފަ އެވެ.

ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ މަޝްރޫއުއަކަށް ނުވަތަ މަޝްރޫއުތަކަކަށް ރާއްޖެއިން ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ދަައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލޯނު ނެގިދާނެ ކަމަށްވެސް ލާމަރުކަޒީ ގާނޫނުގެ އިސްލާހުގައި ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިން ބިމާއި ފަޅުތައް އަދި ރަށްތަކުގެ ބާރުވެރިކަން ކައުންސިލުތަކަށް ވަނީ ގާނޫނު ލިބިދާފަ އެވެ. އަދި އެތަންތަނުން ލިބޭ ފައިސާވެސް ރަށުކައުންސިލަށް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.