06 Apr 2021, 13:48
އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒު، އެޕާޓީއާ ވާދަވެރި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)އާ ބައްދަލުކުރައްވައިފި އެވެ.
އެ ދެބޭފުޅުން ބައްދަލު ކުރެއްވީ އިބްރާ ދިރިއުޅުއްވާ މއ. ބޯގަންވިލާގައި އެވެ.
އެގޭގައި ދެބޭފުޅުން ބައްދަލު ކުރި ފޮޓޯއާއެކު އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި މުއިއްޒު އޭނާއަށް ޒިޔާރަތްކޮށް، ވަރަށް ގިނަ ކަންކަކަމުގެ ހިޔާލު ހޯދެއްވި ކަމަށެވެ.
"މާލޭގެ ކަންކަމާއި ރައްޔިތުންގެ ހާލަތާއި ސިޔާސީ މަސްރަހާމެދު އަޅުގަނޑު ހިޔާލު ހޯދެއްވި،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް އޭނާ ކައިރިއަށް ޒިޔާރަތް ކުރެއްވީ ވެސް ހަމައެކަނި މުއިއްޒު ކަމަށެވެ. އަދި ކަންކަމުގައި ހިޔާލު ދެވޭނީވެސް ހިޔާލު ބޭނުން ވެގެން އަންނަ މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ، މޭޔަރުކަމަށް ކޮންމެ މީހަކު ހޮވުނަސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"[މުއިއްޒު] ހޮވިވަޑައިގެންފި ނަމަ ކަންކަމުގައި އެހީތެރިކަން ބޭނުންފުޅު ވާހަކަ [އޭނާ] ވިދާޅުވި. ކޮންމެ ބޭފުޅަކު ހުންނެވިޔަސް، ރައްޔިތުންގެ ކަންކަމުގައި ދެވެން އޮތް ހިދުމަތެއް ދޭނެ ވާހަކަ ދެންނެވިން،" އިބްރާ ވިދާޅުވި އެވެ.
އިބްރާ މުއިއްޒުއާ ބައްދަލު ކުރެއްވި އިރު، ދޭތެރެ ދޭތެރެއިން ސަރުކާރަށާއި މަޖިލީހަށް އަދި އެމްޑީޕީއަށްވެސް ބައެއް ކަންކަމުގައި އޭނާ ނުރުހުންވާނަމަ، ހިޔާލު ފާޅުކޮށް، ފާޑު ވިދާޅު ވެއެވެ.
ކައުންސިލް އިންތިހާބުގެ ފޯރިގަދަވަމުން އަންނައިރު، މިހާރު އިންތިހާބަށް އޮތީ، ހަތަރު ދުވަހެވެ. އިންތިހާބު ބާއްވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މާލޭގެ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން ދެން ވާދަ ކުރަނީ، އެމްޑީޕީގެ ފަރާތުން އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ދެން ވާދަ ކުރަނީ އަމިއްލަ ގޮތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއެވެ. މިއީ އެންމެ ވާދަވެރިވާނެ ގޮނޑި އެވެ.