06 Apr 2021, 10:54
މާލޭ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ނުކުރެއްވިގެން ނޫޅޭ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ "ރަށްވެހި ފަތިސް" ގަލޮޅު ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ މައްސަލަތައް ހައްލުކުރަން ކުރީގެ މޭޔަރުންނާއި، ކުރިއަށް އިންތިހާބުވާ މޭޔަރުން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ މައްސަލަތައް ހައްލުވާނީ ސިޓީ ކައުންސިލްގެ ތަފާތު ބޯޑުތައް އެކުލެވި، ސިޓީ ކައުންސިލް ހިއްސާވާ ވިޔަފާރިތައް އުފެދެން ޖެހޭ ކަމަށާއި، ސިޓީ ކައުންސިލަކީ ދަރަންޏަށް ޒިންމާވާ ތަނަކަށްވެ، ސިޓީ ކައުންސިލްގެ އަމިއްލަ ޓްރެޝަރީ ބޮންޑު ވިއްކިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މައްސަލަތައް ހައްލުވާނީ އެމްޑީޕީއަށް ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެއްޓެވީއްސުރެ، ކޮންމެ ދުވަހަކު މާލޭގެ ރައްޔިތުންނަށް މައުދުވަމުން އަންނަނީ އެމަނިކުފާނަށް އެކަން ކުރެއްވޭނެތީ ކަމަށެވެ.
"އެއީކީއެއް އަޅުގަނޑަށް ނުވެގެން އުޅޭ ކަމެއް ނޫން. އަޅުގަނޑު ދަންނަ ކަމެއް. އަޅުގަނޑު ކުރަން އެނގޭ ކަމެއް. އަޅުގަނޑަށް ކުރެވޭނެ ކަމެއް. މާދަމާވެސް ނުކުމެ އަޅުގަނޑަށް ކުރެވޭނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނަށް އެކަން ކުރެއްވުމަށް ސިޓީ ކައުންސިލެއް ބޭނުންވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ކިބައިން އެދެނީ ކައުންސިލް ދެއްވުމަށް ކަމަށެވެ. އަދި މާލޭގެ މައްސަލަތައް ހައްލުކޮށްދެއްވާނީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މި މަސައްކަތް ކުރާންވެގެން މި އުޅެނީ. މާލޭ ރައްޔިތުންނަށް ކޮންމެ ދުވަހަކު އެއް ފަހަރު ވައުދުވަމުން މި އަންނަނީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށުނީއްސުރެ. މިއަދު އަޅުގަނޑު ތައްޔާރަކަށް ނޫން މިހުރީކީއެއް މާލޭ މީހުންނަށް ގޯއްޗެއް ނުލިބުނޭ، ސަރުކާރުން އެހެން ވީއޭ މިހެންވީއޭ ބުނެފަ ދާކަށް. އަޅުގަނޑު މިހުރީ ތައްޔާރަކަށް ނޫން މިކަން ހުއްޓާލާފަ ގެއަށް ވަންނާކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.