06 Apr 2021, 10:34
ތ. ވިލުފުށިން ނެގި ރެންޑަމް ސާމްޕަލް އެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.
ވިލުފުށި މޮނިޓަރިންގއަށް ލާފައި ވަނީ އިއްޔެ އެވެ. ރަށުން ނެގި ރެންޑަމް ސާމްޕަލް އެއް ޕޮޒިޓިިވްވުމާ ގުޅިގެން އެރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެ ނޫޅުމަށާއި، ހޮޓާ/ކެފޭ/ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުމަށާއި ފިހާރަތަކުން ވެސް ޑެލިވަރީއަށް އިސްކަންދިނުމަށް ވަނީ އަންގައިފަ އެވެ.
ހަމައެއާއެކު، ކައުންސިލުން ވަކި ގޮތެއް އަންގަންދެން، ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ހުސްބިން ފަދަ ތަންތަނަށް މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
ފަހަކަށް އައިސް އަތޮޅުތެރެއިން ކޮވިޑް19ގެ ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އަދި ކޭސްތަކާ ގުޅިގެން ގިނަ ރަށްތަކަށް ވަނީ މޮނިޓަރިންގ އަށް ލައިފަ އެވެ.