06 Feb 2012, 13:59
ސިލްސިލާ މުޒާހަރާތަކުގެ ތެރެއަށް ކަރުނަ ގޭހާއި ޕެޕާ ސުޕްރޭ ޖަހައިގެން އެހެން ރޭރޭ ގެއްލުން ވަނީ މީހުންނަށެވެ. އެކަމަކު ރޭ ގެއްލުންވީ މުޒާހަރާ ސަރަހައްދުގައި މީހުން ވަދެ ބާރުވެފައިވާ ރެސްޓޯރެންޓުތަކުގެ ވަތްގަނޑަށެވެ.
އިދިކޮޅު ފަރާތްތަކާއި އެމްޑީޕީން ރޭ އާޓިފިޝަލް ބީޗަށް އެއްވެ މެދަށް ފުލުހުންގެ ސަފެއް ލައިގެން ވަރުގަދައަށް މުޒާހަރާ ކޮށް، މެންދަމުން 12:00 ޖެހިއިރު ވެސް މުޒާހަރާ ހުއްޓާ ނުލައި ދެފަރާތް ހޫނުވާން ފެށުމުން ފުލުހުން ވަނީ އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ބާރުގެ ބޭނުން ހިފައި ދެފަރާތަށް ސުޕްރޭ ބުރުވާލައި މުޅި ސަރަހައްދު ދުންގަނޑަކަށް ބަދަލުކޮށްލާފަ އެވެ.
ނަތީޖާއަކަށްވީ ކަރުނަގޭހުން ސަލާމަތްވާން ދުއްވައިގަތް ގިނަ ބަޔަކު އެ ސަރަހައްދުގެ ރެސްޓޯރެންޓްތަކަށް ދެމިގަތުމެވެ. އެމީހަކަށް ވެވުނު ގޮތަކަށް ސަލާމަތްވާން އެންމެ ގިނަ ބަޔަކު ވަނީ ތިމަރަފުށީ މުސްތޮފާގެ މިސްޓާ ޗިކޯ ނުވަތަ ފުޑް ކްލަބަށެވެ. އެފަޅިން އެ ޗިކޯ އާއި އޭގެ ބިއްދޮށަށް ހުންނަ ރެސްޓޯރެންޓަށް ވަނީ އެމްޑީޕީގެ އެކްޓިވިޓުންނެވެ. އަނެއް ފަޅިން ޑައިންމޯގެ ތެރެއަށް ދުވުނީ އިދިކޮޅު މީހުނެވެ.
މިސްޓާ ޗިކޯގެ މެނޭޖަރު އަބްދުﷲ ޖަމީލް މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 12:30 އެހާ ކަންހާއިރު ފުލުހުން ކަރުނަގޭސް ޖަހަން ފެށިއިރު ތަނުގެ ތެރޭގައި ފުލްކޮށް ކަސްޓަމަރުން ތިބި ކަމަށާއި މުޒާހަރާގެ ތެރެއިން ފަހާލި މީހުން ވެސް އެވަގުތު ވަދެގަތީ ރެސްޓްރޯރެންޓްގެ ތެރެއަށް ކަމަށާއި އޭގެ ސަބަބުން ބޮޑު ގެއްލުމެއް ރޭ އެ ރެސްޓޯރެންޓަށް ވެފައިވާ ކަމަށެވެ.
"ބޯ ދުންގަނޑެއްހެން އޮތް ގޭސްގަނޑާއެކު މީހުންތައް ވަދެގަތުމުން އެވަގުތު ތިބި ހުރިހާ ކަސްޓަމަރުން ތަން ދޫކޮށްދިޔައީ. އޯޑަރުތައް ކެންސަލް ކުރަންޖެހުނުއިރު ބައެއް ޓޭބަލްތަކުގެ ބިލަށް ފައިސާ ވެސް ލިބިފައިނުވ،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އާއްމު ގޮތެއްގައި އެ ރެސްޓޯރެންޓަށް ރޭގަނޑުގެ އެގަޑީގައި 7000ރ. އާއި 8000ރ. ގެ ވިޔަފާރިވާ ރޭގެ މުޒާހަރާގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ.
" ކަރުނަގޭސް ޖެހިއިރު ވެސް ތަނުގެ ތެރޭގައި ފުލްކޮށް މީހުން ތިބި. ދޮރާ ހަމައަށް ވެސް މުޒާހަރާގެ މީހުން ތިބި. ފުލުހުން މީހުންތައް ފަހާލި ގަޑީގައި އެއްބަޔަކު މިތަނަށް ވަތް. ދޮރުމައްޗަށް ވެސް ފުލުހުން ކަރުނަ ގޭސް ޖެހި. ޖެހި ހުރި ސްޕޭރޭގެ ސަބަބުން މިތަނުގައި ބައިގަޑިއިރުވީ އިރުވެސް ކެތް ކޮށްނުލެވޭ. އޭގެ ސަބަބުން ކަސްޓަމަރުންތައް ދިޔައީ އެމީހަކު ތިބި މޭޒުމައްޗަށް ބިލް ދޫކޮށްލަފައި،" ޖަމީލް ވިދާޅުވި އެވެ.
ދެން ހުރި ރެސްޓޯރެންޓްތަކުގައި ތިބި މީހުން ވެސް ކަރުނަ ގޭހުގެ ވަގުތުގައި ނުކުމެގެން ދިޔައީ ބިލު ބާއްވާފަ އެވެ. އެތަންތަނުގެ ވަތްގަނޑަށް ވެސް ވަނީ އެނގުންވާވަރަށް ގެއްލުންވެފަ އެވެ.
ފުލުސް ސަބް އިންސްޕެކްޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ އެފަދަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި އެސަރަހައްދުގައި ހުރި ބައެއް ތަންތަނަށް ގެއްލުންވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް މުޒާހަރާ ރޫޅާލުމުގެ ފަހުން ކަރުނަގޭސް ބޭނުން ކުރީ މރ. ޗިކޯއާ ވީ ފަޅީގައި ތިބި މީހުންގެ ތެރެއިން ބަޔަކު އަނެއްކާ ވެސް އެސަރަހައްދަށް އެއްވާ މަސައްކަތް ކުރުމުން ކަމަށެވެ.
" އިންޒާރުތަކެއް ދިނުމަށްފަހު ބާރުގެ ބޭނުން ކުރީ. އެވަގުތު އެސަރަހައްދުގައި ހުރި ތަންތަނަށް ގެއްލުންތަކެއްވެ، އެކަމުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. އާއްމު ރައްޔިތުންނަށް އެމީހުންގެ މުދަލަށް ގެއްލުން ވުމަކީ ފުލުހުން ވަރަށް ކަންބޮޑުވާ ކަމެއް،" ހަނީފް ވިދާޅުވި އެވެ.