05 Apr 2021, 19:17
ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އެންމެ ބޭނުން ދާއިރާތަކުން މީހުން ބިނާކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައިސް ފައިސަލް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ ހުރިހާ ދާއިރާތަކުން، ގައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ގާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ޓެކްނިކަލް ދާއިރާތަކުން ގައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުން ލަސްވެފައިވާކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ފަންނީ ވަޒީފާތަކަށް ޤާގާބިލު ދިވެހިން ތަމްރީނު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.
"ރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ހިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު" އެމަނިކުފާނު ވިދާލުވިއެވެ.
"އަޅުގަނޑުމެން ހަމައެކަނި ވޭތުވެދިޔަ ދެ އަހަރަށް ބަލައިފިކަމަށްވަންޏާ، އެމްއާރުއައި، ސީޓީ ސްކޭން އެކަނި ހަދައިގެންވެސް ދިވެހިރާއްޖޭގެ، އާދެ، މާލެ ނައިސް ގާތްގަނޑަކަށް ތިން ހާސްވަރަކަށް ސީޓީ ސްކޭން މިވަނީ ހެދިފައި. އަދި ތޭރަ ސަތޭކައެއްހާ އެމްއާރުއައި ހެދިފައިވޭ. މިއީ މިކަންތައް ފޯރުކޮށް ނުދެވުނުނަމަ، ބޮޑުކަނޑެއް ކަޑައްތުކޮށްފައި، ތަކުލީފުތަކަކާއެކު މާލެ އަންނަން ޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ފެންނަނީ މިފަދަ މުހިންމު ޕްރޮގްރާމްތަކުގެ ސަބަބުން، ކުރީގައި މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ފަސޭހަކަން ލިބި، ރަށުގައި ތިބެގެން ރަނގަޅު ފަރުވާތަކެއް ލިބިގެންދާނެތަން،" ނައިބު ރައީސް ވިދާޅުވި އެވެ.
މެއި މަހު ފަށާ "ޑިޕްލޮމާ އިން ރޭޑިއޮގްރަފީ" ކޯހަކީ ހެލްތު މިނިސްޓްރީ، އެސްޓީއޯ އަދި އެމްއެންޔޫ ގުޅިގެން ދިވެހިންނަށް ހާއްސަކޮށްގެން ފަށާ ކޯހެކެވެ.