ހެލްތު މިނިސްޓްރީ، އެސްޓީއޯ އަދި އެމްއެންޔޫ ގުޅިގެން ދިވެހިންނަށް ހާއްސަ "ޑިޕްލޮމާ އިން ރޭޑިއޮގްރަފީ" ކޯސް އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ އިރުޝާދާއެކު ކުރިއަށްގެންދާ އެ ކޯސް އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ކޯސްތައް ފަށާނީ މެއި މަހުގައި ކަމަށެވެ.

"ގައުމީ ޔުނިވާސިޓީއާއެކީ ޑިޕްލޮމާ އިން ރޭޑިއޮގްރަފީ ކޯސް ފަށަން މަސައްކަތް ކުރަމުންދަނީ. މެއި މަހު އެ ކޯހަށް އިއުލާންކުރެވި، 20 ކުދިންނާއެކު ކޯސް ފެށިގެންދާނެ. ޑިޕްލޮމާއަށް ނަގާ ފުރަތަމަ ބެޗުގެ ހުރިހާ ކުދިންގެ ކޯސް ފީ އެސްޓީއޯއިން ސީއެސްއާރުގެ ދަށުން ހިލޭ ފޯރުކޮށްދެވޭނެ." އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ފަޔާޒު މޫސާ

އަމްރު ވިދާޅުވީ ރާއްޖޭގައި ރޭޑިއޮގްރަފީގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 90 ޕަސެންޓަކީ ބިދޭސީން ކަމަށެވެ. އަދި މިއީ މުސާރަ ބޮޑު ދާއިރާއެއް ކަމަށާއި އެކަށީގެންވާ ފުރުސަތު ލިބޭނަމަ ދިވެހިން ޝައުގުވެރިވާނެ ދާއިރާއެއް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސިއްހީ ދާއިރާގެ ފަންނީ މަގާމުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އެބަ ހިދުމަތްދޭ. ގާތްގަނޑަކަށް 95 މީހުންނަކީ ބިދޭސީން. އަތޮޅުތެރޭގައި 20 ސިއްހީ ހިދުމަތް ދޭ ތަންތަނުގައި 37 ރޭޑިއޯގްރާފަރުން މަސައްކަތް ކުރަމުންދޭ. އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހިން. އައިޖީއެމްއެޗްގައި 20 ރޭޑިއޯގްރާފަރުން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި އެއް ރޭޑިއޯގްރާފަރު." މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް-- ސަން ފޮޓޯ/ފަޔާޒު މޫސާ

މިނިސްޓަރު ނަސީމް ވިދާޅުވީ އެސްޓީއޯއާ އާއި އެމްއެންޔޫ އަދި ހެލްތު މިނިސްޓްރީން އިފްތިތާހުކުރި ރޭޑިއޯގްރަފީ ކޯސްތަކާއެކު ދިވެހިންނަށް ވަޒީފާ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ބިދޭސީ މުވައްޒަފުން ގެންގުޅެން ސަރުކާރުންކުރާ ހަރަދު ކުޑަކުރެވި، ބިދޭސީންގެ ބަދަލުގައި ދިވެހިން އެ މަގާމުތަކަށް އައްޔަން ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެއި މަހު ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯހަށް އިއުލާންކުރާއިރު، އަތޮޅުތަކުންނާއި މާލެއިން އެ ޕްރޮގްރާމަށް ކުދިން ނެގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯހުން ޖާގަ ދެވޭ އަދަދު އިތުރުވެ، އެ ކޯސް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.