05 Apr 2021, 15:20
ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ކިބައިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތަކީ ޕީސީއާރު ޓެސްޓެވެ. ކޮވިޑް-19ގެ އަލާމާތަށް ޝައްކުކުރެވިގެން ނުނީ ދަތުރުކުރުމުގެ ކުރިން ހަދަންޖެހުނަސް ޕީސީއާރު ޓެސްޓު ވެފައިވަނީ ގިނައިން އަޑުއިވޭ ބަހަކަށެވެ. މިކަމަށް ނަޒަރެއް ހިންގާލާމާ ހިނގާށެވެ.
ޕީސީއާރު (PCR) އަކީ ލެބޯރަޓޯރީ ޓެކްނީކެއް ކަމަށްވާ ޕޮލިމަރޭސް ޗެއިން ރިއެކްޝަންއަށް ކިޔާ ކުރު ނަމެވެ. މި ޓެސްޓުގެ ބޭނުމަކީ ސާމްޕަލެއް ނަގައި، އެ ސާމްޕަލުގައި ހިމެނޭ ޖެނެޓިކް މެޓީރިއަލް، ނުވަތަ ސެލްތަކުގައި ހިމެނޭ ދިރުންތަކުގެ އެއް ޖީލުން އަނެއް ޖީލަށް މައުލޫމާތު ފޯރުކޮށްދޭ ތަކެތީގެ ކުދި އަދަދުތައް އިތުރުކޮށްދީ އަދި މި އިތުރުވެފައިވާ ޖެނެޓިކް މެޓީރިއަލް ބޭނުންކޮށްގެން ޓެސްޓު ހަދަން ނަގާ ސާންޕަލުގައި ވަކި ވައްތެރެއްގެ ބަލިތަކުގެ އަސަރެއް ހުރިތޯ ތަހުލީލުކޮށް ބެލުމެވެ.
ޕީސީއާރު ޓެސްޓުގެ ތަފްސީލަކަށް ދިއުމުގެ ކުރިން ޑީއެންއޭ (DNA) އަކީ ކޮބައިކަން ބަލައިލުން މުހިންމެވެ. ޑީއެންއޭއަކީ ކޮންމެ ސެލްއެއްގެ ތެރޭގައި ހިމެނޭ ޖެނެޓިކް މެޓީރިއަލެވެ. އިންސާނުން، ބެކްޓީރިއާ އަދި ވައިރަސް ފަދަ ދިރުންތަކުގެ ހެދިބޮޑުވުމުގެ އެންމެ މުހިންމު އެއް މަރުހަލާއަކީ ސެލް ޑިވިޝަން އެވެ.

ހަށިގަނޑުގެ ތެރޭގައި ކުރިޔަށްދާ ސެލް ޑިވިޝަންގައި އެއް ސެލް ކޮޕީ ނުވަތަ ނަކަލްވެގެން ދެ ސެލް ހެދެ އެވެ. އަދި މި މަރުހަލާ ކުރިއަށްދާއިރު ޑީއެންއޭގެ ދެރޮދި ކޮޅު ނިއުޅުވިގެން ގޮސް ޑިއެންއޭގެ ކޮޕީއެއް އުފެދިގެންދެ އެވެ. ޕީސީއާރު މެޝިން ބޭނުންކޮށްގެން މި މަރުހަލާ ނަކަލުކެރެވެ އެވެ.
ޕީސީއާރު ހަދަން ޑީއެންއޭ ބޭނުންކުރަނީ ކީއްވެގެން؟
ޕީސީއާރު ހަދަން ޑީއެންއޭ ބޭނުންކުރާ ސަބަބަކީ ޑީއެންއޭ އުކުލެވިފައިވާ ކެމިކަލް ބައިތަކަށް ނުވަތަ ނިއުކްލިއޯޓައިޑްތުކުން އެއީ ކޮންކަހަލަ ދިރުމެއްތޯ ދެނެގަނެވޭތީ އެވެ. އެގޮތުން އިންސާނުންނަށް ބަލާއިރު ޕީސީއާރު ޓެސްޓަށް ހަމައެކަނި އިންސާނުންގެ ޖެނެޓިކް މެޓީރިއަލް (މިސާލަކަށް ލޭ ނުވަތަ އިސްތަށީގެ ބުޑު ފަދަ ސާންޕަލް) ބޭނުންކޮށްގެން މީހުން ވަކިކޮށް ދެނެގަނެވެ އެވެ. ޑީއެންއޭއަކީ ކޮންމެ މީހަކަށްވެސް ތަފާތު ގުދުރަތީ އައިޑީކާޑެއް ފަދަ އެއްޗެކެވެ. ކޮވިޑް-19އަށް ބަލާއިރު، ސިއްހީ ދާއިރާގެ މާހިރުން އަދި ސައިންޓިސްޓުން ވަނީ އެބަލި ފަތުރާ ވައިރަސް SARS-CoV-2 ދިރާސާކޮށް އޭގެ ހާއްސަ ސިފަތައް ދެނެގަނެފަ އެވެ.
އެހިސާބުން ދިމާވާ ގޮންޖެހުމަކީ ވައިރަސްތަކުގައި ޑީއެންއޭގެ ބަދަލުގައި އާރުއެންއޭ (RNA) ހުރުމެވެ. އާރުއެންއޭއަކީ ޑީއެންއޭ ފަދަ ޖެނެޓިކް މެޓީރިއަލެކެވެ. އެންމެ ބޮޑު އެއް ތަފާތަކީ ޑީއެންއޭގެ ދެރޮދިކޮޅި ހުންނައިރު އާރުއެންއޭގައި ހުންނަނީ އެންމެ ރޮދިކޮޅެކެވެ. މި އާރުއެންއޭ ވައިރަލް އެންޒައިމް ބޭނުންކޮށްގެން ޑީއެންއޭއަށް ބަދަލުކުރެވެ އެވެ. އަދި އެގޮތަށް އާރުއެންއޭއިން ޑީއެންއޭ ހޯދާ މަރުހަލާއަކީ ރިވާސް ޓްރާންސްކްރިޕްޝަން ޕީސީއާރު އެވެ.

ޑީއެންއޭއާއި އާރުއެންއޭގެ ތަފާތު--
ކޮވިޑް-19 ޕީސީއާރުގެ ޓެސްޓު ހަދަނީ ކިހިނެއް؟
ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުވަތަ ފޭސް ޝީލްޑް، ސާޖިކަލް މާސް، އަންގި އަދި އޭޕްރޮން ލައިގެން ހުންނަ ސީއްހީ ޕްރޮފެޝަނަލެއް ބަލިމިހާގެ ނޭފަތުންނާއި ކަރުގެ ފަހަތުން ސާމްޕަލް ނަގަ އެވެ. އަދި އެސާމްޕަލްތައް ހާއްސަ ފޮށްޓެއްގައި ލޭބަލްކުރެވި ހާއްސަ ބާކޯޑު އަދި ނަންބަރެއް ދެވި ރައްކާތެރިކަމާއެކު ލެބަށް ގެންދެވެ އެވެ. އަދި ލެބްގައި މަސައްކަތްކުރާ މުވައްޒަފުންވެސް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރުމުގެ އިތުރުން އެކަމަށް ހާއްސަ ޕްރެޝާ އަދި ވައިގެ ކޮންޓްރޯލް ހުންނަ ޕީސީއާރު ޓެސްޓިން ސަރަހައްދެއްގައި ޓެސްޓް ހަދައި ކޮންޓެމިނޭޝަނުން ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވީހާވެސް ވަރުގަދަކުރެ އެވެ.
ދެން އާރުއެންއޭ ވަކިކުރުން ނުވަތަ އެކްސްޓްރެކްޓް ކުރުމަށްޓަކައި ސާމްޕަލް ޕްރީ-ޓްރީޓްމަންޓް ހަދަ އެވެ. އަދި އެކްސްޓްރެކްޝަން މެޝިނަށް ލޯޑުކޮށް އާރުއެންއޭ ވަކިކުރެވެއެވެ. އޭގެ ފަހުން އެ ވަކިކުރެވުނު އާރުއެންއޭގެ ކުޑަ އެތިކޮޅު އެމްޕްލިފައި ނުވަތަ އިތުރުކުރުމަށްޓަކައި ތާމަލް ސައިކްލާ މެޝިނަށް ބަދަލުކުރެވެ އެވެ. އަދި ތާމަލް ސައިކްލާގެ އެހީގައި އާރުއެންއޭ ނިއުޅުވޭ ހާއްސަ ފިނިހޫނުމިން ބަދަލުކުރެވެ އެވެ. އަދި ވަކި ހޫނުމިނަކަށް ދިޔުމުން އާރުއެންއޭ އޭގެ ކޮޕީތައް އުފައްދަން ފަށަ އެވެ.
މިގޮތަށް ކުޑަ ސާމްޕަލް ކޮޅަކުން އިތުރުކުރެވޭ އާރުއެންއޭއަކީ ކޮން ވައްތެރެއްގެ ދިރުމަކަށް ނުވަތަ ވައިރަސްއަކަށް ނިސްބަތްވާ އެއްޗެއްކަން އެނގެނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ޓެސްޓް ކިޓް ބޭނުންކޮށްގެންނެވެ.
ކޮވިޑް-19 ޕީސީއާރު ޓެސްޓުގެ ހެދުމުގެ ފެންވަރު ރަނގަޅު އަދި އިތުބާރުކުރެވޭ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ. އެގޮތުން ދިވެހިން އަދި ވޯކް ޕާމިޓް ހުރި ފަރާތްތަކަށް 699 ރުފިޔާއަށް އަދި ފަތުރުވެރިންނަށް 45 ޑޮލަރަށް ޕީސީއާރުގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕީސީއާރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ވަސީލަތްތަކެވެ. އަދި ހާއްސަ ތަޖްރިބާކާރު މެޑިކަލް ލެބް ޓެކްނިޝަނުން، ޑޮކްޓަރުން އަދި ހުނަރުވެރި ނަރުހުންގެ ޓީމުތައް އެ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ.
ޕީސީއާރު ޓެސްޓު ހަދަން ޓްރީ ޓޮޕް ހޮސްޕިޓަލުގެވެބްސައިޓުންއޮންލައިންކޮށް ބުކިން ހެދޭނެ އެވެ. އަދި އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް މެއިލް ކުރުމުން ލިބޭނެ އެވެ.