ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ސަރުކާރުން ލުއި ގޮތެއް ހޮދައިދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މަސްކާރުހާނާ ހުންނަ ޅ. ފެލިވަރުގައި ކޮވިޑް ފެތުރި އެ އަތޮޅުގެ ހަ ރަށްވެސް މިހާރު އޮތީ ކޮވިޑް ކޭސްތަކާ ގުޅިގެން މޮނީޓަރިން ހާލަތަށް ގެނެސް، އަރާ ފޭބުން މަނާކޮށްފަ އެވެ.

އެ އަތޮޅުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، އަތޮޅުގެ ރައްޔިންތުންނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެ ހާލަތު ބަދަލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް މިއަދުގެ މަޖިލިސް ޖަލްސާއަށް ޝިޔާމް ވަނީ ހުށަހަޅުއްވައިފަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، އެ އަތޮޅަށް ކޮވިޑް ފެތުރުނީ ސަރުކާރުގެ އިހުމާލުން ކަމަށް ރައްޔިތުންގެ ޝަކުވާ އޭނާއަށް ލިބޭ ކަމަށެވެ. އެގޮތުން ފެލިވަރުން ކޮވިޑް19ގެ ކޭސްތަކެއް ފެނި، މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެގެން ވެސް އެކަން އެރަށު މެނޭޖްމަންޓުން ސިއްރު ކުރިމަތުގެ ތުހުމަތު ޝިޔާމް ކުރެއްވި އެވެ.

"މުވައްޒަފުންގެ ތެރެއިން ގިނަ ހުން އައިސް ބަލިވުމުން ދިޔަކަން ފެލިވަރުގެ މޭނޭޖްމަންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކޮށް އެކަމާ ގުޅޭ މައުލޫމާތު މެނޭޖުމަންޓުގެ ފަރާތުން ސިއްރުކޮށްފައި ވަނިކޮށް، މި ބަލި އަތޮޅުގެ އެހެން ރަށްތަކަށް [ފެތުރުނީ]،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހާއްސަ ހުއްދައިގެ ދަށުން މާލެއިން އެކި ޓިމްތަށް ފެލިވަރަށް ދަތުރު ކުރި ކަމަށެވެ. އަދި އޭގެ ފަހުން އަތޮޅުގެ އެކި ރަށްރަށަށް ވެސް އެމީހުން ދަތުރުކޮށް އަތޮޅު އެހާލަތަށް ވައްޓާލީ ސަރުކާރުގެ އިހުމާލުން ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ފެލިވަރުން 300އަށް ވުރެ ގިނަ މީހުން ޕޮޒިޓިވެ، މި ހާލަތުގައިވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް19އަށް ޓެސްޓުކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި ނެތް ކަމުގެ ކަންބޮޑުވުންވެސް ޝީޔާމް ފާޅުކުރެއްވި އެވެ.

"ސާމްޕަލް ނަތީޖާއަށް އެތަށް ދުވަހަކު އިންތިޒާރުކުރަން ޖެހުމާއި ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްފައި ގިނަ އަދަދެއްގެ ގެތަކެއް މޮނީޓަރިން ހާލަތައް ލަމުންދިއުމުން އެތައް ބައެއްގެ އާންމުދަނީ ވަނީ ހުއްޓިފައި،" ޝީޔާމް ވިދާޅުވި އެވެ.

އެހާލަތުން އަރައިގަތުމަށްޓަކައި ޝީޔާމް އެދިވަޑައިގެންވީ ސަރުކާރުން ޅ. އަތޮޅުގެ ރައްޔިތުންނަށް ލުއު ގޮތެއް ހޯދައި ދިނުމަށެވެ.

"ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުނަނަށް މި ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި ރައްޔިތުން ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ މަޑުޖައްސާދިނުމަށާއި ކަރަންޓު ބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވާ،" ޝިޔާމް އެދިވަޑައިގެންނެވި އެވެ.

އޭނާ އެދިވަޑައިގެންވީ ވީ ރައްޔިތުން ދަތި ހާލަތުން އަރައިގަތުމަށް ސަރުކާުރުން ވީއެންމެ އަވަހަކަށް އެކަށީގެންވާ ރަނގަޅު ފިޔަޅު އެޅުމަށެވެ.