މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިސް ނިންމައިފި އެވެ.

އެގޮތުނަށް ނިންމީ، އާންމު ކޮމިޓީން މަޖިލިސް ގަވައިދުގެ 240 ވަނަ މާއްދާއަށް ރިއާޔަތްކޮށް އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ކޮމިޓީގެ އެ ނިންމުން މިއަދުގެ މަޖިލިސް ޖަލްސާގައި، މަޖިލިސް ރައީސް މުހައްމަދު ނަޝިދު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލިސް އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ ކަމަށާއި، ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުން ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ، މިފަދަ ދަތުރެއްގައި ވާ މެމްބަރުން މަޖިލީހުގެ ހާޒިރީގައި އަދި ކޮމިޓީގެ ހާޒިރީގައި ވެސް ފާހަގަ ކުރާނީ ރަސްމީ ދަތުރުގެ ގޮތުގައި ކަމަށެވެ. އަދި މެމްބަރުން ރަސްމީ ދަތުރެއްގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރިވާން އެދިވަޑައިގަންނަވާނަމަ، އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ގަވައިދުގެ 240 މާއްދާއަކީ، މަޖިލިސް ރައީސަށް ލިބިދޭ ބާރުގެ ދަށުން، މެންބަރުން ދަތުރު ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މާއްދާ އެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ޖަލްސާއެއްްް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްްް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނުވަތަ ރާއްޖޭގެ ސަރަހައްދުންް ބޭރަށް، މެންބަރަކުު ނުވަތަ މެންބަރުންތަކައްް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެ އެވެ. އަދި މަޖިލިސްގެ ކަމާ ބެހޭ އެކައުންޓަކުން އެކަމަށް ހަރަދުވެސް ކަނޑައެޅިދާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.

މަޖިލިސް ގަވައިދުގެ 240 ވަނަ މާއްދާގައި މެމްބަރުން ކުރައްވާ ދަތުރުތަކަށް މަޖިލީހުން ހަރަދު ކަނޑައެޅިދާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ ދަތުރުތަކަށް މަޖިލީހުން ހަރަދު ކުރާނެ ކަމެއް އަދި ސާފެއް ނޫނެވެ.

މެންބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ބައެއް މަޖިލިސް މެމްބަރުން ކެމްޕެއިން ކުރުމަށް ދާއިރާއަށް ދާން ބޭނުންވެފައިވާ ދަނޑިވަޅެއްގަ އެވެ.