ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ގޯވިންދާއާއި އަކްޝޭ ކުމާރު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އަކްޝޭ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރަމުން ބުނީ ޕޮޒިޓިވްވިކަން އެނގުމާއެކު ވަގުތުން އައިސޮލޭޓްވި ކަމަށާއި ހުރިހާ ޕްރޮޓޮކޯލްއެއްވެސް ފޮލޯކުރަމުން އަންނަ ކަމަށެވެ. ހޯމް ކަރަންޓީނުގައި ހުރެގެން ޑަކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރަމުން އަންނަ ކަމަށާއި ފާއިތުވި ދުވަސްކޮޅު ބައްދަލުވި އެންމެންވެސް ކޮވިޑަށް ޓެސްޓްކުރުން މުހިންމުކަމަށް އަކްޝޭ ބުންޏެވެ. އޭނާ ބުނީ ވަރަށް އަވަހަށް ބަލިން ރަނގަޅުވެ އެނބުރި ސެޓަށް އަންނާނެ ކަމަށެވެ.

ގޯވިންދާގެ އަންހެނުން ސުނިތާ އަހޫޖާ ވަނީ ގޯވިންދާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ސުނިތާ ބުނީ ގޯވިންދާގެ ހާލަތު މިވަގުތު ރަނގަޅު ކަމަށާއި އޭނާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި ޑަކްޓަރުންގެ އިރުޝާދާއެކު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ސުނިތާ ބުނީ ގޯވިންދާ ޕޮޒިޓިވްވުމާއެކު ގޭގައި ދިރިއުޅޭ އެންމެންވެސް ކޮވިޑަށް ޓެސްޓްކުރި ކަމަށާއި އެންމެންގެ ނަތީޖާ ވެސް ނެގަޓިވް ކަމަށެވެ.

އުމުރުން 57 އަހަރުގެ އެކްޓަރު ގޯވިންދާ އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ނުކުތް ފިލްމު ރަންގީލާ ރާޖާ އިންނެވެ. ގޯވިންދާ ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަންބަރު 1"، "ރާޖާ ބާބޫ"، އަދި "ނަސީބް" ހިމެނެއެވެ.

އެކްޓަރު ކޮވިޑަށް ޕޮޒިޓިވްވިއިރު ދާދިފަހުން ބަތަލާ އާލިއާ ބަޓްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.