04 Apr 2021, 19:31
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ކަރުދާސް ކޮޅުގައި ފާހަގަޖެހުމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދޭ ގޮތަށް އޮތް އުސޫލަށް ބަދަލުގެނެސްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިފަހަރުގެ އިންތިހާބުގައި ވޯޓު ކާރުދާސްކޮޅުގައި ފާހަގަ ޖެހުމަށް އެހީތެރިކަން ހޯދޭނެ ހަތަރު ހާލަތެއް އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ކަރަންޓީނުގައި ވާ މީހުން ވެސް ހިމެނެ އެވެ.
ނަމަވެސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޮޒިޓިވްވެފައިވާ ފަރާތްތައް އެހީތެރިއެއްގެ އެހީގައި ވޯޓުލެވޭ ގޮތަށް ހެދުމަކީ ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވާތީ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"މިއަދު ފާސްކުރި އުސޫލުގައި އޮންނާނީ ރައްކާތެރި ފިޔަވަޅާއެކު ޕޮޒިޓިވް ވެފައިވާ މީހާ އަމިއްލައަށް ވޯޓުލެވޭ ގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނުވަތަ ކަރަންޓީނުގައި ތިބި މީހުން ވޯޓުލާނީ ވޯޓުލުމުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ. އެމީހުން ވޯޓުލުމަށް ގެންދަން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
އިންތިހާބާ ގުޅޭ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1414 އަށް ގުޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.