04 Apr 2021, 18:53
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި އެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އެންމެ ފަހުން މިދިޔަ މަހު އިތުރު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގާރާރުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަން ގަރާރުގައި ފާހަގަ ކުރަމުން ބުނީ އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމާ އެކު ވަގުތާއި ހާލަތަށް ރިޔާއަތްކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ ބާރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބެ އެވެ.