މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ބާތިލުވާނެ ގޮތާއި ސައްހަ ވާނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ކިޔައިދީފި އެވެ.

އެހެން އިންތިހާބު ތަކާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެއްކޮށް ބާއްވާތީ ގިނަ ފާހަގަތަކެއް ވޯޓު ކަރުދާހުގައި ޖަހަން ޖެހޭނެ އެވެ. އެހެންވެ ގިނަ ވޯޓު ބާތިލުވުމުގެ ފުރުސަތު ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓު ކަރުދާސް ތައްޔާރުކޮށްފައިވަނީ ރަށް ރަށަށް އަދި ސިޓީތަކަށްވެސް ތަފާތުކޮށެވެ.

ވޯޓު ބާތިލުވާނެ އެންމެ ފުރަތަމަ ކަމަކީ ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ނޫން ފާހަގައެއް ޖެހުމެވެ. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަސްގެ ޖެހި ނަމަވެސް ބާތިލު ވާނެ ކަމަށް އިލެކްޝަނުން ބުނެ އެވެ. އަދި ހެޔި ފާހަގަ ނޫން އިތުރު ކުރެހުމެއް ކަރުދާސްކޮޅުގައި ކުރަހައިފި ނަމަ ބާތިލު ވާނެ އެވެ.

"ހެޔޮ ފާހަގަ ނޫން އެހެން އެއްވެސް ފާހަގައެއް އިނދެއްޖެއްޔާ ބާތިލު ވާނެ" އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރަށު ކައުންސިލަށް ހާއްސަކޮށް ހަދާފައިވާ ވޯޓު ކަރުދާހުގައި ހަތަރު ބައެއް ހިމެނެ އެވެ. އެއީ އަތޮޅު ކައުންސިލުގެ ރައީސް ހޮވަން ލާ ވޯޓަށާއި، ރަށު ކައުންސިލުގެ ރައީސް ހޮވަން ލާ ވޯޓަށާއި ރަށު ކައުންސިލުގެ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިއަށާއި ކައުންސިލު މެމްބަރު މެމްބަރުން ނަގާ ވޯޓަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލަށް ހޮވަނީ ފަސް މެމްބަރުން ނަމަ ފަސް މެމްބަރުންނަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިފި ނަމަ ވޯޓު ބާތިލު ވާނެ ކަމަށެވެ. އެހެން ނަމަވެސް ފަސް މެމްބަރުންނަށް ވޯޓު ލާން އޮތް ރަށެއްގެ ތިން މީހަކަށް ވޯޓު ދިން ނަމަވެސް އެ ވޯޓު ބާތިލު ނުވެ އެ މީހަކަށް ދިން ވޯޓުގެ ގޮތުގައި ގުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރަށު ކައުންސިލުގެ ރައީސް އަދި އަތޮޅު ރައީސަށް ހޮވާނީ އެންމެ މީހެކެވެ. އެހެންވީމަ އެކަކަށްވުރެ ގިނަ މީހުންނަށް ވޯޓުލުމަށް ފާހަގަ ޖަހައިފި ނަމަ ބާތިލު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލްގެ ރައީސާއި އަންހެނުންނަށް ހާއްސަ ކުރި ގޮނޑި އަދި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް ފަސް މެމްބަރުން ކައުންސިލަށް އިންތިހާބު ކުރާނީ 3000 އަށްވުރެ އާބާދީގައި މީހުން މަދު ނަމަ އެވެ. 3000 އަށް ވުރެ މީހުން ގިނަ ނަމަ އިންތިހާބު ކުރާނީ ހަތް މެމްބަރުންނެވެ. އެއީ އަންހެނުންނަށް ހާއްސަ ކުރާ ތިން ގޮނޑި އާއި ކައުންސިލު މެމްބަރު ކަމަށް ތިން މީހަކު އަދި ކައުންސިލުގެ ރައީސް އެވެ.

ސިޓީތަކަށް ވޯޓުލާއިރު ވޯޓުލާން ޖެހޭނީ ސިޓީގެ މޭޔަރު އިންތިހާބު ކުރާށާއި މެމްބަރުން އިންތިހާބު ކުރާށެވެ. އެހެންނަމަވެސް ކުޅުދުއްފުށި ސިޓީގައި ތަފާތެވެ. ކުޅުދުއްފުށި ސިޓީ ރައްޔިތުން ހދ އަތޮޅު ކައުންސިލުގެ ރައީސް ހޮވަންވެސް ވޯޓުލާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ކަރުދާސްކޮޅު އޮންނާނީ ސިޓީއަށް ވިޔަސް އަތޮޅަށްވިޔަސް ވަކިންނެވެ. ވޯޓު ބާތިލުވާނެ ހަމަ އޮތީ އެއް ހާލަތްތކެވެ. އެއީ ވޯޓުލާން ޖެހޭ މީހުންނަށް ވުރެ ގިނައިން ފާހަގަ ޖެހުން ނުވަތަ އެއްވެސް ފާހަގައެއް ނުޖެހުން ނުވަތަ ހެޔޮފާހަގަ ނޫން އެހެން އެއްވެސް ކުރެހުމެއް ނުވަތަ ފާހަގައެއް ޖެހުމެވެ.

މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.