04 Apr 2021, 13:34
ގާހިރާ (އޭޕްރިލް 4): މިސްރުގެ ކުރީގެ 18 ރަސްކަލަކާއި ހަތަރު ރާނީންގެ، ކުނި ނުވާ ގޮތަށް ހަދާފައިވާ ގަބުރު އާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް އެގައުމުން އިއްޔެ ބޮޑު ޕެރޭޑެއް ބާއްވައިފި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އެ ޕެރޭޑުގައި ޝާހީ ގަބުރުތައް ބަދަލުކޮށްފައި ވަނީ އެގައުމުގެ ދުވަސްވީ އިޖިޕްޝަން މިއުޒިއަމް އިން، އެތަނާ ފަސް ކިލޯމީޓަރު (ތިން މޭލު) ދުރުގައި ހުރި ނެޝަނަލް މިއުޒިއަމް އޮފް އިޖިޕްޝަން ސިވިލައިޒޭޝަންއަށެވެ.
އެތައް މިލިއަން ޑޮލަރު ހަރަދުކޮށްގެން އިންތިޒާމުކޮށްފައިވާ އެ ޕެރޭޑުގައި ގަބުރުތައް އުފުލީ މިސްރުގެ ކުރީގެ ފިރުއައުނުން އަވަހާރަވުމުން އެމީހުން ފަސްދާނުލާން، ގަބުރު އުފުލަން ބޭނުން ކުރާ ބޯޓުތަކުގެ ޑިޒައިނާ އެއްގޮތަށް ހަދާފައިވާ އުޅަނދުތަކެއްގަ އެވެ. އަދި ގަބުރަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް 'ޝޮކް-އެބްޒޯބިން' އަދި 'ކްލައިމެޓް-ކޮންޓްރޯލްޑް' ފޮށްޓަށް ލައިގެންނެވެ.

މިސްރުގެ ކުރީގެ ރަސްކަލުންނާއި ރާނީންގެ ގަބުރު އާ ދާރުލްއާސާރަކަށް ގެންދިޔުމަށް ބޭއްވި ޕެރޭޑަށް އެތައް މިލިއަން ޑޮލަރު ހަރަދުކޮށްފައިވޭ --- ފޮޓޯ: ރޮއީޓާސް
މިސްރުގެ މިނިސްޓްރީ އޮފް އެންޓިކުއިޓީސް އިން ބުނި ގޮތުގައި އޭގެ ތެރެއިން ގިނަ ރަސްކަލުންނަކީ އެގައުމުގައި 1539 ބީސީ އާއި 1075 ބީސީއާ ދެމެދު ވެރިކަން ކުރި މީހުންނެވެ. އަދި 'ފެރޯސް ގޯލްޑެން ޕެރޭޑު'ގެ ނަން ދީފައިވާ އެ ޕެރޭޑު އެގައުމުގެ ޓީވީތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކޮށް ދައްކާފައިވެ އެވެ.
އެ ގަބުރުތައް އާ ދާރުލްއާސާރަށް ގެންދިޔުމަށް ފަހު 20 ގަބުރު މީހުންނަށް ފެންނަ ގޮތަށް ބާއްވާނެ ކަމަށާއި ބާކީ ދެ ގަބުރު ރައްކާ ކުރާނީ ކަމަށް އެންޓިކުއިޓީސް މިނިސްޓްރީން ބުންޏެވެ.
އެ ޕެރޭޑު ބާއްވާފައި ވަނީ މިސްރަށް ފަތުރުވެރިން ގެނައުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިސްރުގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސްފައި ވަނީ 2011 ވަނަ އަހަރު އެގައުމުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި ފަހުން އެ ދާއިރާއަށް ލިބުނު ގެއްލުންތަކުން މުޅިން އަރައިނުގަނެވެނީސް އެވެ.