04 Apr 2021, 09:37
އަންމާން (މާޗް 4) : ބަޣާވާތެއްގެ އަޑުތަކާއެކު އުރުދުންގެ ޝާހީ އާއިލާގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރުގެ ކުރީގެ ބައެއް އިސްވެރިންގެ އިތުރުން ގައުމުގައި ނުފޫޒުގަދަ ބައެއް ގަބީލާތަކުގެ ވެރިންތަކެއް ހައްޔަރުކޮށްފިއެވެ.
ކުރީގެ ވަލީއުލްއަހްދު އަމީރު ޙަމްޒާ ބިން ޙުސައިން ހައްޔަރުކޮށްފައި
ހައްޔަރުކުރި އިސް ބޭފުޅުންގެ ތެރޭގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއުލްއަހްދު (ކްރައުން ޕްރިންސް) އަމީރު ހަމްޒާ ބިން ހުސައިން އާއި ސައޫދީގައި ކުރިން ހުންނެވި އުރުދުންގެ ސަފީރު ޝަރީފު ޙަސަން ބިން ޒައިދާއި، ޝާހީ ގަނޑުވަރުގެ ކުރީގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ބާސިމް ޢަވަޟުﷲ އާއި ޝާހީ ގަނޑުވަރުގައި މިހާރުވެސް ވަޒީފާ އަދާކުރައްވާ ބައެއް މަސްއޫލުވެރިން ހިމެނިވަޑައިގަންނަވައެވެ.

ހަމްޒާ ބިން ހުސައިން
އުރުދުންގެ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު (ކުރީގެ ރަސްގެފާނު ކިންގް ހުސައިންގެ ދެވަނަ ދަރިކަލުން އަދި ކުރީގެ ވަލީއުލްއަހްދު) އަމީރު ޙަމްޒާ ބިން ޙުސައިން ޢަރަބި ބަހުންނާއި އިނގިރޭސި ބަހުން ރެކޯޑުކުރައްވައި، އޭނާގެ ގާނޫނީ ވަކީލު މެދުވެރިކުރައްވައި، ބީބީސީއަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި އުރުދުންގެ ސަލަމާތީ ބާރުތަކުން އޭނާ ގޭގައި ބަންދުކޮށްފައިވާކަން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އަދި އޭނާގެ ހަށިފާރަވެރިންވެސް ގޮތްނޭންގޭ ތަނެއްގައި ހައްޔަރު ކޮށްފައިވާކަމާއި އެއްވެސް ފަރާތަކާ ފޯނުންވެސް އަދި އެހެން ގޮތަކަށްވެސް ގުޅުމާއި މުއާމަލާތް ކުރުން އޭނާއަށް މަނާކޮށްފައިވާކަން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ހަމްޒާގެ އިތުރުންވެސް ޝާހީ އާއިލާގައި އޭނާއަށް ތާއީކުރާ ބައެއް ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.
މީގެއިތުރުން އަމީރު ޙަމްޒާ ބިން ޙުސައިން ވަނީ އުރުދުންގެ ސަރުކާރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ވެރިކަން ހިންގުމަށާއި ގައުމަށް ކުރިމަތިވެފައިވަ މައްސަލަތައް ހައްލުކުރަން ސަރުކާރު ނުކުޅެދިފައިވާ ކަމަށް އެ ވީޑިއޯގައި ވިދާޅުވެފައެވެ.
އުރުދުންގެ ޝާހީ އާއިލާގެ އިސް ބައެއް ބޭފުޅުންނާއި ސަރުކާރުގެ ކުރީގެ ބައެއް އިސްވެރިންގެ އިތުރުން ގައުމުގައި ނުފޫޒުގަދަ ބައެއް ގަބީލާތަކުގެ ވެރިން ހައްޔަރުކޮށްފައި މިވަނީ އެގައުމުގެ ރަސްގެފާނާ އަބްދުﷲ ދެވަނަ އާ ދެކޮޅަށް ބަޣާވާތެއް ގެނައުމަށް ރޭވި ސިއްރު ރޭވުންތަކެއް ބޭޒާރުވިކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި ގަލްފުގެ ރަސްކަމުގެ ނިޒާމުތަކުގެ ތާއީދު އުރުދުންގެ ރަސްގެފާނަށް
މިދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އުރުދުންގެ އަބްދުﷲ ރަސްގެފާނުގެ އާއިލީ އަދި ވިރާސީ ރަސްކަމުގެ ފަހަތުގައި އެމެރިކާ ވާކަން ހާމަކޮށް އުރުދުންގެ ރަސްކަމުގެ ނިޒާމަކީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ވަރަށް މުހިއްމު ނިޒާމެއްކަމަށް ސިފަކޮށްފައެވެ. މީގެއިތުރުން އެމެރިކާގެ އެހީގައި ޚުދު މުޚްތާރު އާއިލީ ވިރާސީ ރަސްކަންތައް ކުރަމުން ގެންދާ ސައޫދީ އަރަބިޔާ އާއި ގަތަރާއި ބަހްރައިން ފަދަ ގަލްފުގެ ރަސްކަމުގެ ނިޒާމުތަކުންވެސްވަނީ ޢަބްދުﷲ ރަސްގެފާނުގެ އާއިލީ ވިރާސީ ރަސްކަމަށް އެ ގައުމުތަކުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.
އުރުދުންގެ ރަސްކަމުގެ ނިޒާމަކީ އެމެރިކާއާއި އިނގިރޭސީންގެ އެހީތެރިކަމާއެކު އުރުދުންގެ ހާޝިމީން 1946 ގައި އުފެއްދި ރަސްކަމުގެ ނިޒާމެއް.
އުރުދުންގެ ރަސްކަމުގެ ނިޒާމަކީ އެމެރިކާއާއި އިނގިރޭސީންގެ އެހީތެރިކަމާއެކު އުރުދުންގެ ހާޝިމީން (1932 ގައި އާލު ސުއޫދުން ސައޫދީގައި ދައުލަތެއް އުފެއްދުމުން ހިޖާޒު ކަރައިން ބޭރުވާންޖެހުނު ހާޝިމީ ދަރިކޮޅުގެ މީހުން) 1946 ގައި އުފެއްދި ރަސްކަމުގެ ނިޒާމެކެވެ. ހުރިހާ ކަމެއްގައި އެމެރިކާއަށާއި އިނގިރޭސިވިލާތަށް ބަރޯސާވާ އަދި އެމެރިކާގެ މަސްލަހަތަށް މަސައްކަތްކުރާ މިނިޒާމުގެ ރަސްކަލެއްގެ ގޮތުގައި ބައި ގަރުނުހާ ދިގު މުއްދަތަކަށް ހުންނެވީ މިހާރުގެ ރަސްގެފާނު އަބްދުﷲ ގެ ބައްޕާފުޅު ކިންގް ހުސައިން ބިން ތަލާލެވެ.

އުރުދުންގެ ކުރީގެ ރަސްގެފާނު ކިންގް ހުސައިން
ލޭގެ ކެންސަރުގެ އާލާސްކަންފުޅެއްގައި ކިންގް ހުސައިން އެމެރިކާގައި އަވަހާރަވީ 1999 ވަނަ އަހަރުގެ ފެބުރުވަރީ މަހުއެވެ. އެއަށްފަހު ވިރާސީ ގޮތުން ރަސްކަން ލިބިވަޑައިގަތީ އޭނާގެ ދޮށީ ދަރިކަލުން ޢަބްދުﷲ އަށެވެ. ޢަބްދުﷲ ގެ ރަސްކަމުގެ ކުރީކޮޅުގައި ގައުމުގެ ވަލީއަހުދަކަށް ފުރަތަމަ އައްޔަންކުރެއްވީ މިހާރު ހައްޔަރުކޮށްފައި އޭނާގެ ކޮއްކޯފުޅު ޙަމްޒާ ބިން ޙުސައިނެވެ.
ނަމަވެސް، 2004 ވަނަ އަހަރު ޢަބްދުﷲ ވަނީ ޙަމްޒާ ވަލީއަހުދުކަމުން ދުރުކުރައްވައި ވަލީއުލްއަހްދު ކަމަށް އޭނާގެ ދޮށީ ދަރިކަލުން ޙުސައިން ބިން ޢަބްދުﷲ ހަމަޖައްސަވާފައެވެ. މިއާއެކު ޝާހީ އާއިލާގައިވަނީ ވަރުގަދަ ކޯޅުމެއްވެސް ހިނގާފައެވެ. ނަމަވެސް އެކޯޅުން ފަހުންވަނީ މައިތިރިވެފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)