03 Apr 2021, 22:17
ކޮވިޑް19ގެ ކޭސްތަކެއް ފެނި، މޮނިޓަރިންގ ހާލަތަށް ގެންދިޔަ ރ. މަޑުއްވަރީ އަދި އެ އަތޮޅު އުނގޫފާރު އަލުން ހުޅުވާލައިފި އެވެ.
އުނގޫފާރުން ކޮވިޑް19ގެ ކޭސްއެއް ފެނި، އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ މާޗު 19 ވަނަ ދުވަހު އެވެ. އެރަށަށް އަރައިފޭބުން މަނާކުރީ ބަލީގެ އަލާމާތްތަކާއެކު ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވްވެގެންނެވެ.
މަޑުއްވަރީ އިން ޕޮޒިޓިވްވީ އުނގޫފާރަށް ގޮސް އެނބުރި އައިސް ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. އެ ކޭސް އާ ގުޅިގެން އެ ރަށް މޮނިޓަރިންގ އަށް ލީ މާޗު 23 ވަނަ ދުވަހު އެވެ.
ނަމަވެސް މިއަދު ދެ ރަށް ވެސް މޮނިޓަރިންގ ހާލަތުން ނަގާފައިވާކަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އެޗްޕީއޭ އިން ބުނީ ދެ ރަށް ވެސް އަލުން ހުޅުވާލީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އެ ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
މަޑުއްވަރީ އަދި އުނގޫފާރުގެ މޮނިޓަރިން އުވާލާފައި ވާއިރު، 15 ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
މި ފަހަކަށް އައިސް އަތޮޅުތެރެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ބޮޑުތަން އިތުރުވެފައި ވާއިރު، އަތޮޅު ތެރޭގެ އެކްޓިވް ކޭސްތައް ހުރީ 800 އަށްވުރެ މަތީގަ އެވެ.