03 Apr 2021, 22:03
އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ އައްޑޫ ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓު ފަށަން ތައްޔާރުވެއްޖެ އެވެ.
އެކަމާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލާ އެކު ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އޭޕީސީ އިން ބުނީ މަޝްރޫއު ފެށުމަށް ބޭނުންވާ ގްރީންހައުސްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ގެންދާނެ ކަމަށެވެ.
އެގޮތުން ކޮންމެ ގްރީންހައުސެއްގެ ބޮޑުމިނުގައި 1،000 އަކަފޫޓު ހުންނާނެ ކަމަށާއި، މަޝްރޫއުގެ ދަށުން އުފައްދާ ތަކެތި ވިއްކާނެ ސޭލްސް އައުޓްލެޓެއް ގާއިމުކުރާނެ ކަމަށެވެ.
އޭޕީސީން ބުނީ އެ ކޯޕަރޭޓިވްގެ ވިސްނުމަކީ މުޖުތަމައަށް ފައިދާހުރި ކަމެއް ކޮށްދިނުން ކަމަށާއި އެގޮތުން ދަނޑުވެރިކަމުގެ އިތުރުންވެސް އެ މަޝްރޫއުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.
މަޝްރޫއުގެ ދަށުން ހިންގާ ހާއްސަ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން ދަނޑުވެރިންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި އެ ޕްރޮރްރާމުގެ ތެރެއިން ދެ އަހަރު ދުވަހުގެ ތެރޭގައި 40 ދަރިވަރުން ތަމްރީންވެގެންދާނެ ކަމަށް އެ ކޯޕަރޭޓިވް އިން ބުންޏެވެ. އަދި އެއީ ޒުވާނުން ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެ ކޯޕަރޭޓިވުން ގަބޫލުކުރެ އެވެ.
އޭޕީސީން ބުނީ އެ މަޝްރޫއުގެ މައިގަނޑު އެއް މަގުސަދަކީ މުޖުތަމައުގައި 'ގްރީންހައުސް ފާމިންގ' ތައާރަފް ކުރުން ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އޭޕީސީން ވަނީ މަޝްރޫއު ފެށުމަށް ބޭނުންވާ ދަނޑުބިންތައް ތައްޔާރުކުރުމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދިފަ އެވެ.
އައްޑޫ ކޮމިއުނިޓީ ފާމިން ޕްރޮޖެކްޓަކީ އެކުވެރި ދައުލަތްތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދެ ލަނޑުދަނޑިއެއް ހާސިލްކުރުމުގެ ގޮތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ އެހީގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއަށް ޖެފް އިން 697،284 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، އޭޕީސީން 1،201،686 ރުފިޔާ އަދި އެމްއެންޔޫ އިން 1،446.000 ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން 100،000 ރުފިޔާ އަދި އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން 244،000 ރުފިޔާ ހަރަދުކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާނީ އޭޕީސީ އާއި އެމްއެންޔޫގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެންނެވެ.