މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އަގުނަގައިގެން ޕާކުކުރެވޭގޮތަށް ތަރައްގީކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލް ޕާކިން ޒޯނުތަކުގައި އެކިއެކި ސަބަބުތަކާހުރެ ހުސްވެފައިވާ ސްލޮޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު ހުޅުވާލާނީ ި މަހުގެ 11 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ކަމަށެވެ.

އެ ޒޯންތަކުން ދޫކުރާ ޕާކިން ސްލޮޓެއްގެ އަގަކީ މަހަކު 3000 ރުފިޔާ އެވެ. ކައުންސިލުން ބުނީ އެ ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތިނޫން ޕިކަޕަށް ކަމަށެވެ.

ޒޯންތަކުން ޕާކިންގ ސްލޮޓު ލިބެންހުރި އަދަދު ކައުންސިލުގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށާއި ޕާކިންގ ސްލޮޓަށް އެދޭނީ www.malecity.gov.mv ގައި އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ "ޕާކިންގ" ޕޯޓަލް މެދުވެރިކޮށް ކަމަށް ކައުންސިލުން ބުންޏެވެ.

ޕާކިން ސްލޮޓަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މައުލޫމާތާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި އަމަލުކުރަންޖެހޭގޮތް ވެސް އެ ޕޯޓަލުން އެނގޭނެ އެވެ.

ކައުންސިލުން ބުނީ ޕާކިން ސްލޮޓަށް އެދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރު ވަމުންދާނެ ކަމަށެވެ. އަދި ޕާކިން އުސޫލާ ހިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެ ކަމަެވެ.

މާލޭ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިން ޒޯންތަކުގެ ޖާގަތައް ވެސް ކައުންސިލުގެ ވެބްސައިޓުގެ ޕޯޓަލް އިން ފެންނަން ހުންނާނެ އެވެ.