ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ލޯފަން ކުދިންނަށް ހާއްސަކޮށްގެން ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އައިޔޫއެމް އިން ބުނީ އެއީ އެއްވެސް ކުއްޖަކު ބާކީނުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެކުދިންނަކީ މުޖުތަމައުއިން ބާކީވެފައިވާ ކުދިންކަމުގެ އިހްސާސް ވިޔަ ނުދިނުމަށްޓަކައި ކުރިއަށް ގެންދާ ކްލާސްތަކެއް ކަމަށެވެ.

އެ ޕްރޮގްރާމް މެދުވެރިކޮށް ތަމްރީނުވާ ކުދިންނަކީ މުސްތަގުބަލުގައި ޤުރްއާން ކިޔަވައިދިނުމާއި މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފެންވަރުގެ ހިދުމްތަތެރި ކުދިންތަކަކަށް ހެދުމަކީ މަގުސަދެއް ކަމަށް އައިޔޫއެމް އިން ބުންޏެވެ.

އައިޔޫއެމް އިން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ދެ އަހަރު ތެރޭގައި ޤުރްއާން ހިތުދަސްކޮށްދެވިގެންދާނެ ކަމަށެވެ. ކްލާސްތައް ފެށުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ކުދިންނަށް ވެސް ބައިވެރިވޭ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މޯޑަކަށެވެ. އެއީ އޮންލައިން މޯޑާއި، ކެމްޕަހަށް ހާޒިރުވެގެން ކުރިއަށް ގެންދާ އޮފްލައިން މޯޑެވެ.

އައިޔޫއެމް އިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވާ ކުދިންނަށް ޔުނިވާސިޓީގެ ފަރާތުން އިންޓަނެޓު ވަސީލަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ އޭޕްރީލް އަށެއްވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އަދި 16 އަހަރުން ދަށުގެ ކުދިން ބައިވެރިކުރާނަމަ، ބެލެނިވެރިޔާގެ ސިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ.

ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފޯމު ފުރިހަމަކޮށް ހުށަހަޅާނީ[email protected]އަށެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންކުރިން ހުށަހަޅާނީ admissions.ium.edu.mv އަށެވެ.